01 Feb 2018, 20:41
ކ. ގުޅީގައި ކަންނެލި މަސްވެރިކަން ކުރާ ހަތް ދޯނި އޮންނައިރު "ލަޝްކަރު" އަކީ ކަންނެއްޔަށްދާ އެރަށުގައި އޮންނަ އެންމެ ބޮޑު ދޯންޏެވެ. ދިގުމިނުގައި 73 ފޫޓު ހުންނަ އެ ދޯނި މަސްވެރިކަމަށް ނުކުމެ އުޅޭތާ އަށް އަހަރު ވެއްޖެ އެވެ.
އާދައިގެ މަތިން މީގެ ދުވަސްކޮޅެއް ކުރިން ވެސް އެ ދޯނި ނުކުތީ މަސް ކަނޑަށް ނުކުމެ ކަންނެލި ބަރުކޮށްލުމުގެ އުއްމީދުގަ އެވެ. އައިސް އަޅައިގެން އެމަށް ނުކުމެ އުޅޭތާ މިއަދަށް ތިން ދުވަސްވި އިރުވެސް އެމެއް ނުލިބެ އެވެ. އެހެން ތިއްބާ ނަސީބު އަތުގައި ހިފީ އެހެން އެއްޗެކެވެ. ބޮޑު ހުނދަންބަރެކެވެ.

ކ. ގުޅީ "ލަޝްކަރު" ދޯނިން ފެނުނު ކަމަށް ބުނާ "މާވަހަރު" --- ފޮޓޯ/ ލަޝްކަރު ދޯނި ފަޅުވެރިއެއް
މ. ދިއްގަރު ހުޅަނގު ފަރާތު ގިރި ގަނޑަކުން ފެނުނު "މާވަހަރެއް" ކަމަށް ބެލެވޭ އެ އެތީގެ ތަހުލީލުތައް ދޯނީގެ ފަޅުވެރިން މިހާރު ވަނީ ހަނދާފައެވެ. އިންޓަނެޓުން ބަލައިގެން ހެދި ތަހުލީލުތައް ކާމިޔާބެވެ.
ސަން އަށް މައުލޫމާތު ދެމުން ލަޝްކަރު ދޯނީގެ އޮޑިވެރިޔާ ޒައީމް އާދަމް ބުނީ، މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 ކަންހާއިރު ފެނުނު އެ މާވަހަރުގެ ބަރުދަނުގައި 29 ކިލޯ އެބަ ހުރި ކަމަށެވެ. އަދި އިންޓަނެޓުން ބަލައިގެން ހެދި ދިރާސާތަކުން އެއީ މާވަހަރެއްކަން ވަރަށް ބޮޑަށް ބެލެވޭ ކަމަށް އޭނާ ބުނެ އެވެ.
"އެއީ ހުނދަންބަރެކޭ މިކިޔަނީ. އެއީ އިންޓަނެޓް ބެލިއިރު ހުނދަންބަރެއްގަ ހުރި ސިފަތައް އޭގަ އެބަހުރި. ލޮދި ކަމެއް އެބަހުރި. ދެން އަވީގަ ބެހެއްޓީމަ މީރު ވަހެއް އެބަ ދުވާ. އަނެއްކާ ސަޕޮންޖު ގޮތަށް ހުންނަނީ،" މާވަހަރެއް ކަމަށް ބެލުމަށް ހެދި ޓެސްޓުތައް ކިޔައިދެމުން އޮޑިވެރިޔާ ބުންޏެވެ.

ކ. ގުޅީ "ލަޝްކަރު" ދޯނިން ފެނުނު ކަމަށް ބުނާ "މާވަހަރު" ކައްޓާއަކަށް އަރުވާފައި: އޭގެ ބަރުދަނުގައި 29 ކިލޯ އެބަހުރި ކަމަށް ދޯނިން ބުނޭ --- ފޮޓޯ/ ލަޝްކަރު ދޯނި ފަޅުވެރިއެއް
އޭނާ ބުނީ، މާވަހަރާއެކު ދޯނި މާދަމާ މާލެ ދާނެ ކަމަށެވެ. އަދި އެއަށްފަހު އިތުރު ޓެސްޓުތަކެއް ހެދުމަށްފަހު އެންމެ ބޮޑު އަގެއް ކިޔާ ބަޔަކަށް އޭތި ވިއްކާލައި ލިބޭ ފައިސާ އޮޑިވެރިންނަށް ބަހަން ވިސްނާފައި ހުރި ކަމަށް ޒައީމް ބުންޏެވެ.
ގުޅީ ލަޝްކަރު ދޯނީގައި މީގެ ކުރިން މާވަހަރެއް ފެނުނު ފަޅުވެރިން ތިބި ނަމަވެސް މިއީ އެ ދޯންޏަށް މާވަހަރެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ފަޅުވެރިން ބުނެއެވެ.