18 Aug 2011, 11:46
ލ. ފޮނަދޫގައި ބަންގުލަދޭޝް ބަޔަކު ދިރިއުޅޭ ގެއެއް ފަޅާލައިގެން 17000ރ. ވަގަށް ނަގައިފި އެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް އަނީސް މިއަދު ވިދާޅުވީ އޭނާގެ މަސައްކަތްތަކެއް ކުރުމަށް ގެނެސްފައި ތިބި ބަންގުލަދޭޝްގެ ތިން މީހަކު ދިރިއުޅޭ ގެއެއްގެ ކޮޓަރިއެއްގެ ޓައިލްސް ގަނޑެއްގެ ދަށުގައި ވަޅުލާފައި ހުރި 17000ރ. ވަގަށް ނަގާފައި ވަނީ އެ ގޭގެ ބޮޑު ދޮރުހުޅުވައި ފައިސާ ހުރި ކޮޓަރީގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ބަޔަކު ނޫނީ މީހަކު ވަދެ ކަމަށެވެ.
އެ ރަށު މީހުން ބުނާ ގޮތުން ނަމަ އެގެއިން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ ބަންގުލާދޭޝް މީހުންގެ ތެރޭގައި އުޅޭ މީހަކު ނުވަތަ ބަންގުލަދޭޝް މީހުންގެ ރައްޓެހި މީހެކެވެ.
އެގެއިން ވައްކަން ކޮށްފައި ވަނީ ބިދޭސީ މީހުން އެގެއަށް ބަދަލުވިތާ ހަ އެއްކަ މަސް ވެސް ނުވަނީހެވެ.
އެ މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.