ކުރި ޓްވީޓަކުން ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

ފުލުހަށް ހާޒިރުވުމަށް އަންގައި މިއަދު މަހުލޫފަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، ފުލުހުންގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު ޑީމޯޓް ކުރުމާ ގުޅޭގޮތުން މިދިޔަ ޑިސެމްބަރު މަހު ކުރި ޓްވީޓެއްގައި މަހުލޫފު، ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މަހުލޫފު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:30 އަށެވެ.

ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓް ޓެގްކޮށް މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މަހުލޫފު ޓްވީޓެއް ކުރެއްވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ގުޅުވައިގެންނެވެ. އަދި ޖަމްޝީދުގެ ޑީމޯޝަން މަޑުޖައްސާލާފައި އޮތީ އޯޑިއޯއެއް އޭނާގެ އަތުގައި އޮތުމުން ކަމަށާއި އެހެންވެ އެކަން ސާފުކޮށްދިނުމަށް މަހުލޫފު ކުރެއްވި ޓްވީޓުގައި ބުނެފައިވެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަވަށްޓެރި ސްރީލަންކާގައި ހުންނެވުމަށްފަހު މަހުލޫފު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ.

އަދި ފުލުހަށް ހާޒިރުވާން މިއަދު ޗިޓް ފޮނުވުމުން އެ ޗިޓްގެ ފޮޓޯއަކާއެކު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ބުނީ، ރާއްޖެ އައުމުން ފުލުހުން އޭނާއަށް މަރުހަބާ ކިޔައިފި ކަމަށާއި ކޮމިޝަނަރު އޮފް ޕޮލިސް އަރީފަށް ސަލާމް ފޮނުއްވާ ކަމަށެވެ.