01 Feb 2018, 19:48
ރޭ އިނގިރޭސި ޕްރިމިއާލީގުގައި ޗެލްސީން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ބޯންމައުތުއަތުން ބަލިވެ ޗެލްސީއަށް މާޔޫސްކަން ކުރިމަތިވެފައިވާއިރު، މެޗަށްފަހު ކޮންޓޭ ބުނީ ބަލިވުމުން ބަހަނާއެއް ދައްކަން ބޭނުން ނުވާކަމަށެވެ. މެޗުން މޮޅުވުން ބޯންމައުތަށް ހައްގުކަމަށާއި ޗެލްސީއަށް ދެން ކުރަން ޖެހޭ ކަމަކީ އަނެއްކާވެސް އާ ހިތްވަރަކާއެކު މަސައްކަތް ކުރުން ކަމަށްވެސް ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ މެޗުން ބަލިވުމަށް ގިނަ ކަންތައްތަކެއް މެދުވެރިވެރިވި ނަމަވެސް އެވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި ފުޓުބޯޅައަކީ އެހާ ފަސޭހަ އެއްޗެއް ނޫން ކަމަށާއި، އެކަން ގަބޫލުނުކުރާނީ ފުޓުބޯޅަ ނުދަންނަ މީހުން ކަމަށްވެސް ކޮންޓޭ ބުންޏެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ޑިފެންޑަރު އެންދްރޭސް ކްރިސްޓިއެންސަންއަށް އަނިޔާވުމުން ބަދަލުގައި ކުޅެން ނުކުތީ ޓޯނީ ރުޑިގާއެވެ.
ކޮންޓޭ ބުނީ އެ ބަދަލާ ގުޅިގެން ޓީމުގެ ކުޅުމަށް އަސަރެއް ނުކުރާ ކަމަށާއި، ރޭގެ މެޗަކީ ހުރިހާ ގޮތަކުންވެސް ޗެލްސީއަށް ގޯސްކޮށް ދިޔަ މެޗެއް ކަމަށެވެ.
ރޭގެ މެޗުން ބަލިވެ ޗެލްސީވަނީ އިނގިރޭސި ލީގު ތާވަލުގެ ހަތަރުވަނަ މަގާމަށް ވެއްޓިފައެވެ، ކުރިން ހަތަރުވަނަ މަގާމުގައި އޮތް ލިވަޕޫލްއިން ވަނީ 3-0 ގެ ނަތީޖާއިން ހަޑަލްސްފީލްޑް ބަލިކޮށްފައެވެ. ލިވަޕޫލްއާއި ޗެލްސީވެސް ޕޮއިންޓްގެ ގޮތުން ހަމަމަހަ ވެފައިވާއިރު، ލިވަޕޫލްއަށް ތާވަލުގައި ކުރިލިބެނީ ފައިދާ ދެ ގޯލްގެ ތަފާތަކުންނެވެ.