01 Feb 2018, 19:21
ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމް ޝަރީއަތް ނިމެންދެން ގޭ ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.
އޭގެ އިތުރުން ނަޖުމާއަށް ކުރި ތުހުމަތުގައި ރޭ ހައްޔަރުކުރި މައުމޫންގެ ޕާސަނަލް ސެކިއުރިޓީއެއް ކަމަށްވާ މ. ޕެންޒީ ހައުސް، މުހައްމަދު އަޒްމީ އާއި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމްގެ ގެކޮޅު، މ. އެންދެރިގަސްގޭގެ ލަންކާ ޑްރައިވަރެއް ކަމަށްވާ ސުދާތަރު ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައެވެ.
ނަޖުމާ އާއި އަޒުމީ ރޭ ހައްޔަރުކުރީ އެ ދެ މީހުން ދިރިއުޅޭ ގެއިން ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް ނަޖުމާގެ ގާތުން ކިރުދޭ އަށް މަހުގެ ތުއްތު ކުއްޖެއް ހުރުމުން އޭނާ ވަނީ ފަހުން ގޭ ބަންދަށް ބަދަލު ކޮށްފައެވެ.
މައުމޫންގެ މުވައްޒަފުންތަކަކަށް ފުލުހުން ކުރާ ތުހުމަތަކީ މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ވެރިކަން، ގާނޫނާ ޚިލާފަށް ވައްޓާލުމަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމުގެ ތުހުމަތެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރުން ބަލަމުންދާ އެ މައްސަލާގައި ހަވާލާދީފައި ވަނީ ޓެރަރިޒަމް ގާނޫނުގެ ބައެއް މާއްދާ ތަކަށާއި ގާނޫނުލް އުގޫބާތުގެ ބައެއް މާއްދާތަކަށެވެ. ގާނޫނުލް އުގޫބާތުން ހަވާލާދީފައިވާ މާއްދާތަކުގެ ތެރޭގައި ރިޝްވަތާ ގުޅޭ މާއްދާ ހިމެނެއެވެ.