ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މެޑިކަލް ޕާޓްނަރަކަށް އައިޖީއެމްއެޗް ހަމަޖައްސައި އައިޑަލްގެ އިތުރު ދެ ސްޕޮންސަރުންނާ އެކީ މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހަމަޖެއްސި އަނެއް ޕާޓްނަރަކީ ކޭޓަރިންގް ޕާޓްނަރެވެ. ކޭޓަރިން ޕާޓްރަކަށް ވޭތުވެދިޔަ ދެ ސީޒަން ގައިވެސް ޕާޓްނަރު ސީހައުސް ހަމަޖައްސައިފައިވާއިރު މެއިން ސްޕޮންސަރަކަށް ސިބްކޯ ޕްރައިވެޓް ލިމިޑެޓް ވަނީ ހަމަޖައްސާފައެވެ.

މެޑިކަލް ޕާޓްނަރު އެއްބަސްވުމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ އޮފް އީކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީނެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ރިލޭޝަންސް މީޑިއާ އަހްމަދު މައުސޫމް އެވެ.

ކޭޓަރިން ޕާޓްނަރުގެ ގޮތުގައި ސީހައުސް ހަމަޖައްސައި އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އިންފްލުއެންސް އޮފިސަރު އިބްރާހިމް މަހުދީ އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އޮފް އިކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީނެވެ.

މެއިން ސްޕޮންސަރުގެ ގޮތުގައި ހަމަޖެއްސި ސިބްކޯ އަކީ އައިޑަލްއަށް މުޅިން އާ ޕާޓްނަރެކެވެ. އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އިބްރާހިމް ނަސްރީނެވެ. އަދި ސިބްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޕްރަމޯދް އެމް ނަޔާ އެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މިފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާއިރު ފިރިހެން ހޯސްޓަކީ މިފަހަރު ވެސް އެންމެންގެ އެކުވެރި މޫސާ ވަސީމެވެ. މިފަހަރުގެ ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. މި ސީޒަންގައި އަންހެން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެ އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީވެސް ކުރީ ދެ ސީޒަނެކޭ އެއްގޮތަށް ދިރާގެވެ.