18 Aug 2011, 11:42
ޗެލްސީ އިން މިސީޒަނަށް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރާ ޓޮޓެންހަމް ހޮޓްސްޕާގެ ކްރޮއޭޝިޔާ މިޑްފީލަޑަރު ލޫކާ މޮޑްރިޗް ވިއްކާލައިގެން ޓީމް އިތުރަށް ވަރުގަދަކުރެވިދާނެ ކަމަށް އެކަލްބުގެ ކޯޗް ހެރީ ރެޑްނެޕް ބުނެފި އެވެ.
ޗެލްސީއަށް ދިއުމަށް ބޭނުވެފައިވާ ކަމަށް މޮޑްރިޑް ހާމަކުރި ނަމަވެސް އެކްލަބުން ހުށަހެޅި އަގު ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ގަބޫލުނުކޮށް، އެކުޅުންތެރިޔާ ކްލަބް ދޫކޮށް ނުދާނެކަމަށް ވަނީ އެތައް ފަހަރެއްގެމަތިން ލެވީ ބުނެފައިވެ އެވެ. ނަމަވެސް ރެޑްނެޕް މިހާރު ގަބޫލުކުރާ ގޮތުގައި މޮޑްރިޗް ވިއްކާލުމުން ޓޮޓެންހަމްއަށް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމެވެ.
"ކްލަބަށް އެބައޮތް އޭނާ ވިއްކާލާފައި ތިނެއް ނުވަތަ ހަތަރު ކުޅުންތެރިން ގެނެސް ޓީމް ވަރަގަދަކުރެވޭނެ. ނޫނީ އޭނާ ބެހެއްޓުމުގެ އިޚްތިޔާރު ވެސް ޓީމަށް އެބައޮތް. ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ފަދަ ޓީމަކުން ބޮޑު އަގެއް ހުށަހެޅުމުން ކޮންމެ ކުޅުންތެރިއެއް ވެސް ދާން ބޭނުންވާނެ." ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް ބުންޏެވެ.
ޓޮޓެންހަމްއަށް މިސީޒަނަށް ރެއާލް މެޑްރިޑްގެ ލަސާނާ ޑިއާރާ ގެނައުމަށް މަސައްކަތް ކުރިނަމަވެސް ވެސްޓްހާމްގެ ސްކޮޓް ޕާކާ ގެނައުމަށް މަސައްކަތްނުކުރާކަމަށް ރެޑްނެޕް ބުނެފައިވެ އެވެ. "އަހަރެން ބޭނުން ސްކޮޓް ޕާކާވެސް. އެކަމަކު އޭނާއަށް ކުރަން ޖެހޭ ހަރަދު މާބޮޑު. ލަސާނާ ޑިއާރާ ހޯދުމަށް މިހާރު މިދަނީ މަސައްކަތްކުރަމުން." ރެޑްނެޕް ބުންޏެވެ.
މެންޗެސްޓާ ސިޓީއިން ލޯންގެދަށުން ޓޮޓެންހަމްއަށް ގެނައުމަށް މަސައްކަތްކުރަމުންދާ އެމެނުއެލް އަޑެބަޔޯއަކީ އެޓީމަށް ފުރަތަމަ އަންނާނެ ކުޅުންތެރިޔާކަމަށް ރިޕޯޓްތަކުން ބުނަމުންދެ އެވެ. އަޑެބަޔޯއަކީ މޮޅު ކުޅުންތެރިއެއްކަމަށް ޓޮޓެންހަމްގެ ކޯޗް ރެޑްނެޕް ގަބޫލުކުރެ އެވެ.