01 Feb 2018, 15:54
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން މީގެކުރިން ކުރި ހުކުމްގައި ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައި ދިނުމަށްއެދި އިދިކޮޅު ފަރާތްތަކުން މިއަދު އެ ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޮނޑި ގެއްލޭ ހާލާތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި އަމަލުކުރުމަށް ބަޔާންކޮށްފައިވާ ދުސްތޫރީ ގާއިދާތަކާއި ގާނޫނީ އިޖުރާއަތުތަކަށް ވަގުތީގޮތުން ލިބިދިން އިސްތިސްނާ ހާލަތެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، އެ ހުކުމްގައި ބުނާ އެންޓި ޑިފެކްޝަން ގާނޫނު ފާސްނުކޮށް އެ ހާލަތު އެގޮތަށް ދެމިގެން ދިޔުމަކީ ގާނޫނު އަސާސީ އާއި އެހެނިހެން ބައެއް ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގާނޫނީ އިޖުރާއަތުގެ ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް މިއަދު ހުށަހެޅި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.
"ސުޕްރީމް ކޯޓުގެ ހަވާލާދީފައިވާ ހުކުމްގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތު ނިމުމަކަށް ގެނައުމަށް މިއަދު ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާނެއެވެ،" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ބެލެވޭނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ އުސޫލުތަކުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ހާލަތެއް މެދުވެރި ނުވަނީސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ދައުލަތުގެ އެއްވެސް މުއްސަސާއަކުން ނުނިންމޭނެ ކަމަށް ވެސް އެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އަބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ 12 މެންބަރެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް މަޖިލީހުން ވެސް ދަނީ ހުރަސް އަޅަމުން ކަމަށާއި އުންމީދުކުރަނީ ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ.
"ގޮނޑިއެއް ގެއްލިއްޖެޔާ ކަންކުރަންވީ ގޮތް ވެސް އެބައޮތް. އިންތިހާބެއް ވެސް ބާއްވަން ޖެހޭ. އެކަމެއް ވެސް ނުވޭ. އެހެންވީމަ އެތައް ހައްގުތަކެއް ގެއްލިގެން މިދަނީ. އޭގެ ތެރޭގައި ދައުލަތުގެ އެތައް ހައްގުތަކެއް ވެސް ގެއްލިގެން މިދަނީ ރައްޔިތުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ވެސް،" އިބޫ ވިދާޅުވިއެވެ.
ބައެއް މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ އެ ކޯޓުން ފްލޯ ކްރޮސިންގް މައްސަލާގައި ކޮށްފައިވާ ހުކުމާއި އެ ހުކުމާ ގުޅިގެން ނެރެފައިވާ އަމުރުގައި މެމްބަރުންގެ ގޮނޑިއާ މެދު ކަން ހިނގާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނެފައިވާ އަމުރުގައިވާ ގޮތުން ޕާޓީން ވަކި ވެގެން ނުވަތަ ޕާޓީން ވަކިކޮށްގެން ނުވަތު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނީ 13 ޖުލައި 2017ގެ ފަހުން އޭން އެއްވެސް ކަމެއް ހިނގާފައިވާ ނަމަ އެވެ.
އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުން ކަމެއް ނުވަތަ ނުގެއްލޭ ކަމެއްވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ.
ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.