01 Feb 2018, 16:48
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާ ހުއްޓުވުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދައުލަތުން ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ މައްސަލައާ ގުޅިގެން ގިނަ ޝަކުވާ ތަކެއް މިއަދު ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އެމައްސަލަ ކުރިއަށް ގެންދާއިރު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން އެމައްސަލާގައި ދޮގުހެކި އުފެއްދުމަށް މަސައްކަތް ކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމަށް ރިއާޔަތް ކޮށްފައި ނުވާތީ އެކަމުގެ ޝަކުވާވެސް ހުށަހަޅާފައިވެ އެވެ.
އަދި މައްސަލަ ކުރިއަށް ގެންދަނީ ފާރިސްއަށް ލިބިގެންވާ ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް ކަމަށާއި އިންސާފުވެރި ޝަރީއަތެއްގެ ސިފަ ގެއްލިފައިވާ ކަމަށްވެސް ވަނީ ބަޔާން ކޮށްފަ އެވެ.
ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ އެހުރިހާ ކަމަކަށް ރިއާޔަތް ކުރެއްވުމަށް ފަހު "ރިޓް އޮފް ޕްރޮހިބިޝަންގެ އަމުރެއް" ނެރެދިނުމަށެވެ.
މިވަގުތު ފާރިސް ހުންނެވީ ރިޝްވަތުގެ އެހެން މައްސަލައެއްގައި ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ.