01 Feb 2018, 18:15
އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގުޅިގެން ހަދާ ކުޑަކުދިންގެ ފިލްމު "ކަނޑު އިބިލީސް" ގެ ޝޫޓިން ކުޅުދުއްފުށީގައި ކުރިއަށްދާއިރު އެ ފިލްމުގެ ކްރޫއަށް އެރަށުން ބޮޑު އެއްބާރުލުމަކާ ތަރުހީބެއް ލިބެމުންދާކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު ޒިޔާ ބުނެފިއެވެ.
ފިލްމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސަން އާ ވާހަކަ ދައްކަމުން ޒިޔާ ބުނީ ފިލްމުގައި ހަރަކާތްތެރިވާނެ ތަރިން ނެގުމަށް ކުޅުދުއްފުށީގައި އޮޑިޝަނެއް ބާއްވާފައިވާ ކަމަށާއި އޮޑިޝަނުން ފާހަގަވި ކުދިން ނަގައިގެން ފިލްމުގެެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޮޑިޝަނަށް ބޮޑު ތަރުހީބެއް ލިބުނު ކަން ޒިޔާ ފާހަގަ ކުރިއެވެ.

ކަނޑު އިބިލީސް އިން ފެންނާނެ ކުޅުދުއްފުށީގެ ބައެއް ކުދިން --- ފޮޓޯ: ޒިޔާ
މީގެ އިތުރުން ޒިޔާ ބުނީ ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުންވެސް ޓީމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާއެވެ. ޒިޔާގެ ކެރެކްޓާ އަކީ "ވަސްވާސް" ގައި އޭނާ ފެނުނު ކެރެކްޓާ ކަމަށާއި އިއްސެގެ ކެރެކްޓާ ވެސް ވަރަށް ހާއްސަ ވާނެ ކަމަށް ޒިޔާ ބުންޏެވެ.
"މިއީ ކުޅުދުއްފުށީގައި ފިލްމެއް ހަދަން އައި ދެވަނަ ފަހަރު. އަޅުގަނޑު ބުނާނީ މިރަށު މީހުން ވަރަށް ސަޕޯޓިވްއޭ. އަލުން މިރަށަށް އަންނަ ހިތްވާވަރަށް ތަރުހީބު ލިބޭ،" ޒިޔާ ބުންޏެވެ.
ފިލްމުގެ އެހެން ރޯލުތަކުން ފެންނާނީ ކުޅުދުއްފުށީ ކުދިންނެވެ. އެގޮތަށް ނިންމީ އާ މީހުންނަށް ފިލްމީ ދާއިރާއިން ފުރުސަތު ދިނުމަށް ކަމަށް ޒިޔާ ބުންޏެވެ.

ކަނޑު އިބިލީސްގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ: ޒިޔާ
ފިލްމުގެ ޝޫޓިންއަށް ފުރަމުން ޒިޔާ ބުނީ ކުޅުދުއްފުއްޓަށް ދަނީ ޝޫޓް ކުރެވޭ ވަރަކުން އެޑިޓް ކުރަންވެސް ތައްޔާރުވެގެން ކަމަށެެވެ.
އަމިއްލަ ރާގުގެ އެއް ލަވަ ހިމެނޭ މި ފިލްމު އެންމެ ފުރަތަމަ އަޅުވާނީ ކުޅުދުއްފުށީގައެވެ. މިއީ ކޮޕީ މުހައްމަދު ރަޝީދުގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ކެމެރާމަނަކީ ދަބާއެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްސެ އާއި ޒިޔާގެ އިތުރުން ލަވަ ކިޔުމުގެ ދާއިރާއިން އަރަމުން އަންނަ ތަރި ރިފްއަތު އެވެ. މިއީ ރިފްއަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށްވާއިރު ފިލްމު ނެރޭނީ އިއްސެ އާއި ޒިޔާ އެކުވެގެން ހަދާފައިވާ ޕްރޮޑަކްޝަން ހައުސްއެއްގެ ކުޑައިގެ ދަށުންނެވެ.