01 Feb 2018, 15:04
ލަންޑަން (ފެބްރުއަރީ 1): އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ސައުދީ އަރަބިއާ ވަކި ކުރަން އިނގިރޭސި ވަކީލުން ގޮވާލައިފިއެވެ.
އިނގިރޭސި ވަކީލުން ރޮޑްނީ ޑިކްސަންއާއި ލޯޑް ކެނެތު ޑޮނަލްޑް ޖޯން މެކްޑޮނަލްޑް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސައުދީ އަރަބިއާއިން ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އަދި ސިޔާސީ އެކްޓިވިސްޓުން ކަމަަށް ބެލެވޭ 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.
ސައުދީ އަރަބިއާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން އެ ދެ ވަކީލުން ނެރުއްވި ރިޕޯޓެއްގައިވާ ގޮތުން އެމުއްދަތުގައި ސައުދީގެ 30 މީހަކު ވަނީ އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށްފައެވެ. އަދި އިތުރު 31 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
"ސައުދީގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވޭ. އަދި އެމީހުން ހައްޔަރު ކުރި ސަބަބާއި އެމީހުންގެ ހާލަތާ ބެހޭ ގޮތުން (ސަރުކާރުން) މައުލޫމާތު ހިއްސާ ނުކުރޭ،" ޑިކްސަން ވިދާޅުވިއެވެ.
ޑިކްސަން ވިދާޅުވި ގޮތުގައި ގައުމުގެ ރައްޔިތުންނަށް އަނިޔާވެރި ސަރުކާރެއް އޮތް ގައުމެއް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައި ހިމެނުމަކީ އެމަޖިލީހުގެ އަސާސުތަކާ މުޅިން ހިލާފު ކަމެކެވެ. އަދި އެމަޖިލީހުން ސައުދީ އަރަބިއާ ވަކިކޮށްފި ނަމަ ސަރުކާރުން އެފަދައިން އަމަލު ކުރުން ހުއްޓުވި ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ މީގެ ކުރިންވެސް ސައުދީ އަރަބިއާ އެކައުންސިލުން ވަކި ކުރުމަށް ގޮވާލާފައެވެ. ސަބަބުތަކުގެ ތެރޭގައި ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ޔަމަނަށް ދޭ ހަމަލާތަކުގައި އެތައް ހާސް މީހަކު މަރުވެފައިވާކަން އެޖަމިއްޔާތަކުން ފާހަގަ ކުރެއެވެ.
މީގެ ކުރިން 2011 ވަނަ އަހަރު ލީބިޔާގައި، މުއައްމަރުލް ގައްޒާފީގެ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތް ކަމަށް ބުނެ، އދގެ ޖެނެރަލް އެސެމްބްލީން ވަނީ އެގައުމު އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކިކޮށްފައެވެ. (އަލްޖަޒީރާ)