ޒަމާނީ ފެންވަރަށް، މ. ދިއްގަރާއި ށ. ކަނޑިތީމުގައި ސަރުކާރުން ގާއިމްކުރާ ބަނދަރުގެ މަސައްކަތް ނިންމާލައިފިއެވެ.

ދިއްގަރު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ބަނދަރުގެ ދިގު މިނުގައި 750 ފޫޓާއި ފުޅާ މިނުގައި 260 ފޫޓަށް ބޮޑުކޮށް، ފަޅު ވަނީ ފުންކޮށްފައެވެ. އަދި ބަނދަރުގެ ބޭރު ތޮށީގައި 452 މީޓަރަށް ބޮޑު ހިލަ ޖަހައި 23 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ވަނީ ޖަހާ ނިންމާލާފައެވެ. މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މ. ދިއްގަރު ބަނދަރުގެ މަސައްކަތް ނިންމާލާފައި-- ފޮޓޯ: ހައުސިން މިނިސްޓްރީ

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްގަރު ބަނދަރުގެ މަސައްކަތް ނިންމާލުމަކީ، ދާއިރާގެ މެމްބަރު ހުންނެވީ ސަރުކާރާ އެއްކޮށްޅަށްތޯ ނުވަތަ ނުވަތަ އިދިކޮޅަށްތޯ ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ރައްޔިތުންގެ ރައީސްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހިދުމަތް ކުރައްވާ ކަމުގެ މިސާލެއް ކަމަށެވެ.

ށ. ކަނޑިތީމުގެ ބަނދަރު ހެދުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުއެވެ.

ށ. ކަނޑިތީމު ބަނދަރުގެ މަސައްކަތް ނިންމާލާފައި-- ފޮޓޯ: ހައުސިން މިނިސްޓްރީ

ކަނޑިތީމުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 710 ފޫޓަށް ދިގުކޮށް، 300 ފޫޓަށް ވަނީ ފުޅާކޮށްފައެވެ. އަދި ކަނޑިތީމުގައި ބޮޑުހިލައިގެ ކަނޑުތޮއްޓަކާއި، ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. މީގެ އިތުރުން ބަނދަރާ އިންވެގެން ދުވާރެއްވެސް ހަދާފައިވާއިރު، ބަނދަރު ސަރަހައްދު ދިއްލުމަށް ބޭނުންވާ މަގުބައްތިތައްވެސް ވަނީ ހަރުކޮށްފައިވެއެވެ.

ދިއްގަރާއި ކަނޑިތީމުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ސަރުކާރުން ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ.