ހަމަނުޖެހުމަކަށް ދިޔަ ސްޕެނިޝް ސުޕަކަޕް ބާސެލޯނާއިން ކާމިޔާބުކޮށް ސީޒަންގެ ފުރަތަމަ ތަށި ހިތްލާލައިފި އެވެ.

ރެއާލް މެޑްރިޑްގެ މައްޗަށް 3-2 ލަނޑުން ބާސާއިން ކުރިހޯދި މިމެޗްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީވަނީ ދެ ލަނޑު ކާމިޔާބުކޮށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިނުމަށް އެހީތެރުވެދީފަ އެވެ.

ސްޕެނިޝް ކަޕް ސުޕަކަޕްގެ 2-2 އިން އެއްވަރުވުމުން ދެ ވަނަ ލެގު މެޗްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅުވުމަށް ކުރަމުންއައި މަސައްކަތެވެ. މެޗްގެ 15 ވަނަ މިނެޓްގައި ބާސާގެ އަމިއްލަ ދަނޑުކަމަށްވާ ނޯކޭމްޕްގައި ކުޅުނު މެޗްގައި ލީޑް ނަގާފައިވެ އެވެ. މެސީގެ ރީތި ބޯޅައަކުން މިލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ އަންދުރޭ އިނިއެސްޓާ އެވެ.

ބާސާއަށް މިލީޑްގައި މާގިނައިރުތަކެއް ހިފަހައްޓާލައިގެން އޮވެވޭގޮތެއް ނުވިއެވެ. ބާސާގެ ފުރަތަމަ ލަނޑުޖެހިތާ ފަސް މިނެޓްފަހުން ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗްގެ ފުރަތަމަ ހާފްނިމެން މިނެޓަށްވެފައިވަނިކޮށް މެސީވަނީ ލަނޑެއްޖަހައި ބާސާއަށް އަލުން ލީޑް ހޯދައިދީފަ އެވެ.

މެޗްގެ ދެވަނަ ހާފަށް ރެއާލް މެޑްރިޑުން ނުކުތީ ބަދަލަކާއެކު އެވެ. ސާމީ ކެޑީރާގެ ބަދަލުގައި މާސެލޯ ވަނީ ކުޅެން ނުކުމެފަ އެވެ. ރެއާލް މެޑްރިޑަށް އަލުން ބާސާއާއި ހަމަކުރެވުނީ މެޗްގެ 82 ވަނަ މިނެޓްގަ އެވެ. ބެންޒީމާ ނަތީޖާ ހަމަކޮށްފައިވަނިކޮށް އޭގެ ހަމިނެޓް ފަހުން މެސީވަނީ ދެ ވަނަ ލަނޑެއްޖަހައި ބާސާއަށް އަނބުރާ ލީޑް ހޯދައިދީފަ އެވެ.

މެޗްގެ އިތުރު ވަގުތުގެ ކުޅުން ކުރިއަށްދަނިކޮށް ބާސާއާ އަލަށް ގުޅުނު ތަރި ފެބްރިގާސްއަށް މާސެލޯ ކުރި ފައުލަކާ ގުޅިގެން ދެ ޓީމުގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގި އެވެ. މިފައުލާ ގުޅިގެން މާސެލޯއަށް ރަތްކާޑް ދެއްކި އިރު ހަމަނުޖެހުމާ ގުޅިގެން ބާސާގެ ޑޭވިޑް ވިޔާއަށާއި ރެއާލް މެޑްރިޑްގެ މެސުޓް އޮޒިލްއަށް ވަނީ ރަތްކާޑު ދައްކާފަ އެވެ. ކުޅުންތެރިންގެ އިތުރުން ދެ ޓީމުގެ ބެންޗުން ވެސް ހަމަނުޖެހުން ހިނގި މަންޒަރު ފެނިފައިވެ އެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ކޯޗް މޮރީނިއޯއާއި ބާސާގެ އޮފިޝަލަކާއި ދެމެދު ހިނގި ހަމަނުޖެހުން ފާހަގަކޮށްލެވެ އެވެ. ގެމިމެޗްގައި ތިންރަތްކާޑު ފެނުމުގެ އިތުރުން ނުވަ ރީނދޫ ކާޑު ފެނިފައިވެ އެވެ.