01 Feb 2018, 12:00
ދިވެހި މުޖުތަމައުއަށް އެކި ދާއިރާތަކުން އެހީތެރިވުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ޕްރޮގްރާމް، "އަހަރެންގެ ބޭންކް" ކެމްޕޭން މިއަދު ފަށައިފިއެވެ.
މިއަހަރުގެ އެ ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ މިއަދު ބީއެމްއެލްގެ ހެޑް އޮފީސްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތަކާއެކުގައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް" ކެމްޕޭނަކީ މިދިޔަ އަހަރު ފެށި ކެމްޕޭނެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް، މިއަހަރުގެ ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ޚިދުމަތް ކޮށްދިނުމަށް ބޭންކުން ކޮންމެވެސް ޚާއްސަ ކަމެއް ކުރާނެއެވެ.

މިއަހަރުގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށުމުގެ ރަސްމިއްޔާތުގެތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އެ ހަރަކާތުގެ މަގުސަދަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ދެމެހެއްޓެނެވި މަޝްރޫއު ހިންގުމަށް މިދިޔަ އަހަރުވެސް ކުރިއަށްގެންދިޔަ ހަރަކާތްތައް މި އަހަރުވެސް ކުރިއަށްގެންދަން ނިންމާފައިވާކަމަށްވެސް އެ ބޭންކުން ބުންޏެވެ.

މިއަހަރުގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށުމުގެ ރަސްމިއްޔާތުގެތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، "އަހަރެންގެ ބޭންކް"ގެ ދަށުން ކެމްޕޭންތައް ކުރިއަށްގެންދާނީ ހަމައެކަނި ފެބްރުއަރީ މަހުގައި ނޫންކަމަށާއި މި އަހަރު ތެރޭގައި 60 އަށްވުރެ ގިނަ ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.
"ބޭންކުން ކުރާ މަސައްކަތުން ދޭހަވަނީ ބެންކުން ހިދުމަތްދެމުން ގެންދާ އާންމުންގެ ބޭނުންތައް ފުއްދައިދީ ހިދުމަތްތަށް ތަރައްގީކުރުމަށް ބޭންކަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް،" އެންޑްރޫ ވިދާޅުވިއެވެ.
މިއަހަރުގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށުމުގެ ރަސްމިއްޔާތުގެތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ތިމާވެއްޓާ ގުޅޭ ހަރަކާތްތަކާއި، ޗެރިޓީގެ ހަރަކާތްތަކާއި، ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށްގެންދާން ނިންމާފައިވާއިރު އެންޑްރޫ ވިދާޅުވީ، އެ ހަރަކާތް ތަކުގެ ތެރެއިން އާ ޕާޓްނާޝިޕްތަކަކާއި، ސީއެސްއާރް ހަރަކާތްތައް ފެނިގެންދާނެ ކަމަށެވެ.