ކުޑަކުދިންގެ މެދުގައި މަގްބޫލުވި ކެރެކްޓަރު ކުޑަފޫޅުގެ ފިލްމު "ކުޑަފޫޅުގެ ވަސްވާހުން"ގެ ޝޯވް އެއް އަންނަ ހޮނިހިރު ދުވަހު އޮލިމްޕަސް ސްކްރީނުގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހުސައިން މުނައްވަރު (ކުޑަފޫޅު) އެކްޓްކޮށްފައިވާ އެ ފިލްމު ވަނީ މިދިޔަ ޖަނަވަރީ މަހުގެ 19 އަދި 20 ވަނަ ދުވަހު ވެސް އޮލިމްޕަހުގެ ސްކްރީނުގައި އަޅުވާފައެވެ.

އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ސްކްރީންޕްލޭކަށް ހަދާފައިވާ ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަލީ ސީޒަން އެވެ.

ހޮނިހިރު ދުވަހު އަޅުވާ އެ ޝޯވްގެ ޓިކެޓް އޮލިމްޕަހުން މިހާރު ލިބެން ހުންނާނެއެވެ.

ފިލްމްގެ މުހިއްމު ރޯލަކުން އަހުމަދު ޒިޔާ ވެސް ފެނިގެންދާ އިރު، "ކުޑަފޫޅުގެ ވަސްވާހުން" ޝޫޓް ކޮށްފައިވަނީ ހދ.ކުޅުދުއްފުށީގައި އެވެ.

އެ ރަށުގެ ކުޑަކުދިން ބައިވެރިކޮށްގެން އުފެއްދި އެ ފިލްމަކީ ފަރިވާ ފިލްމްސް އާއި ސަން ޝައިން ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

ކުޑަފޫޅުގެ ވަސްވާހުންގެ ޝޯތައް ކުޅުދުއްފުށީގެ އިތުރުން މިހާތަނަށް ފަސް ރަށެއްގައި ދައްކާފައިވެ އެވެ. އޭގެތޭރޭގައި މ. އަތޮޅުގެ ބައެއް ރަށްތަކާއި، ހދ. އަދި ހއ. ގެ ބައެއް ރަށްތައް ހިމެނެ އެވެ. ފިލްމު އަޅުވާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައެވެ.