01 Feb 2018, 11:41
އިންޑިއާގެ ކެރަލާގައި 782 ދުވަސް ވަންދެން މީހަކު އޭނާގެ ބޭބެގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ކުރަމުން ދިޔަ އިހުތިޖާޖު ހުއްޓާލައިފިއެވެ.
އެސްއާރު ސްރީޖީތުގެ ބޭބެ ސްރީޖީވް މަރާލާފައި ވަނީ އިންޑިއާގެ ފުލުހުންނެވެ. ފުލުހުން އޭނާގެ ބޭބެ ހައްޔަރު ކުރީ މޯބައިލް ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައެވެ.
ސްރީޖީތުގެ އެ އިހުތިޖާޖުގައި މުޅި ސޯޝަލް މީޑިއާ އަދި ބައިނަލްއަގުވާމީ މީޑިއާތައް ބައިވެރިވެ އޭނާއަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ބުނެ އަޑުއުފުލަން ފެށުމާ ގުޅިގެން އިންޑިއާގެ ފެެޑަރަލް އެޖެންސީ އިންވެސްޓިގޭޝަނުން ވަނީ އެމައްސަލަ ތަހުގީގުކުރަން ފަށާފައެވެ.
ސްރީޖީތު އިހުތިޖާޖު ހުއްޓާލީ ފެޑަރަލް އެޖެންސީން އޭނާގެ ބަޔާން ނެގުމުންނެވެ.
އާންމުންގެ ޕްރެޝަރާއި ގުޅިގެން ކެރަލާގެ ގާނޫނީ ފަރާތްތަކުން ވަނީ ޕޮލިހުންގެ އެތެރޭގެ ހާއްސަ ތަހުގީގެއް އެމައްސަލައިގައި ހިންގަން ގޮވާލައިފައެވެ. އެހެން ނަމަވެސް ސްރީޖީތު ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އޭނާ ބުނިގޮތުން ފުލުހުންގެ މައްސަލައެއް ފުލުހުން ތަހުގީގު ކޮށްގެން އިންސާފެއް ނުލިބޭނެއެވެ.
ސްރީޖީތު އެދުނީ އިންޑިއާގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ ސެންޓްރަލް ބިއުރޯއިން އެމައްސަލަ ތަހުގީގު ކުރުމަށެވެ.
އެމައްސަލައިގައި ފުލުހުން ބުނެފައިވަނީ ސްރީޖީތުގެ ބޭބެ ހައްޔަރުކޮށް ބަންދު ކުރުމުން އަމިއްލައަށް މަރުވީ ކަމަށެވެ. ނަމަވެސް ސްރީޖީތު ބުނާ ގޮތުން އޭނާގެ ބޭބެ ފުލުހުން މަރާލީ ފުލުސް އޮފިސަރެއްގެ އާއިލީ އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމުން ބަދަލު ހިފަން ކަމަށެވެ.
އިންޑިއާ ފުލުހުން ހައްޔަރުކޮށް ބެލުމުގެ ދަށުގައި ތިބޭ މީހުން އަނިޔާގެ ސަބަބުން މަރުވާ މައްސަލައަކީ އިންޑިއާގައި އާންމު މައްސަލައަކަށް ވަނީ ވެފައެވެ.
އެގައުމުގެ ކްރައިމް ރިކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު 591 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބައި މަރުވެފައެވެ.