ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު ފުރަތަމަ ގެނެސްދޭ ފިލްމު "ވަކިން ލޯބިން"ގެ ދެވަނަ ލަވަ "ހިތުގެ ނަށާ ރާނީ" މި މަހު 14 ގައި ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.

އަންނަ މާޗު މަހުގެ ފަސް ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް އަންނަ އެ ފިލްމުގެ މި ލަވަ ކިޔާދީފައިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ރަނަރަޕް ހަމޫދް އަހުމަދެވެ.

"ހިތުގެ ނަށާ ރާނީ" އެ ލަވައިގެ މިއުޒިކް ހަދާފައިވަނީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)އެވެ.

"ވަކިން ލޯބިން"ގެ ފުރަތަމަ ލަވަ "ޕަރީ" ވަނީ މީގެ ދެ ހަފްތާ ކުރިން އާންމުންނަށް ދޫކޮށްލައިފައެވެ.

އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ޓިކެޓް ބުކް ކުރެވޭ ގޮތް މިހާރު ވަނީ ހަދާފައެވެ.

ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

އޭގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ)، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު "ވަކިން ލޯބިން" އަކީ މުހިއްމު މެސެޖެއް އަންގައިދޭ، މުޖުތަމައަށް ބޭނުންތެރި މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއްކަމަށާއި ފިލްމަކީ ރާއްޖޭގައި އާއިލާ ތަކުގައި ހިނގާ ބޮޑު މައްސަލައަކަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.