ފްރާންސް ލީގުގެ ޕީއެސްޖީ ދޫކޮށް ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް މޯރާ ޓޮޓެންހަމްއަށް ސޮއިކޮށްފިއެވެ.

ފަސް އަހަރު ޕީއެސްޖީގައި ހޭދަކުރުމަށްފަހު ލޫކަސް މޯރާ ޓޮޓެންހަމްއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ އަގަކީ 25 މިލިއަން ޕައުންޑެވެ.

ދެހާސް ދިހަވަނަ އަހަރު ބްރެޒިލްގެ ސައޮޕައޮލޯއިން ކެރިއަރު ފެށި ލޫކަސް މޯރާ ދަނީ 2011 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ގައުމީ ސްކޮޑުގައި ހިމެނެމުންނެވެ. އެހެން ނަމަވެސް ގައުމީ ޓީމާއެކު ބޮޑު މުބާރާތަކުން އޭނާ ފެނިފައެއް ނުވެއެވެ.

ލޫކަސް މޯރާ، 2013 ވަނަ އަހަރު ސައުޕައޮލޯއިން ޕީއެސްޖީއަށް ބަދަލުވީ 33.5 މިލިއަން ޕައުންޑުގެ އަގެއްގައެވެ. ޕީއެސްޖީގައި ލޫކަސް މޯރާ ހޭދަކުރި ފުރަތަމަ ދެތިން ސީޒަންގައި އެޓީމުގެ ފުރަތަމަ 11 އިން އާންމުކޮށް ޖާގަ ލިބުނު ނަމަވެސް މިދިޔަ ސީޒަނުން ފެށިގެން ޕީއެސްޖީ ކުޅުނު ގިނަ މެޗުތަކުގައި އޭނާ ހޭދަކުރީ ބެންޗުގައެވެ.

ޕީއެސްޖީއަށް ކުޅުނު 152 މެޗުން 33 ގޯލް ޖަހައި، 50 އެސިސްޓް ހަދައިދީފައިވާ އުމުރުން 25 އަހަރުގެ ލޫކަސް މޯރާ ފާހަގަކުރެވެނީ އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިއެއްގެ ގޮތުގައެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއެކު ލޫކަސް މޯރާ މެޗެއް ކުޅެފައި ނުުވުމާއެކު ޓޮޓެންހަމްއަށް ޗެމްޕިއަންސް ލީގުގައި އޭނާ ބޭނުންކުރެވޭނެއެވެ.

ޓްރާންސްފާ ސީޒަންގެ ފަހު ދުވަހުގައި މިވަނީ ވަރުގަދަ ޓްރާންސްފާތަކެއް ހިނގައިފައެވެ. އާސެނަލްއިން ޑޯޓްމަންޑަށް ކުޅެމުންދިޔަ ޕިއެރޭ އެމްރިކް އޮބަމަޔާންގެ ސޮއި ހޯދާފައިވާ އިރު، ޗެލްސީއަށް ކުޅުނު ބެލްޖިއަމް ފޯވާޑް ބަޓްސްޗުއާއީ ވަނީ ލޯން އެއްބަސްވުމެއްގައި ޑޯޓްމަންޑަށް ބަދަލުވެފައެވެ. އަދި އޭނާ ނެތްތަން ފޫބައްދަން ޗެލްސީން ވަނީ އާސެނަލްގެ އޮލިވިއާ ޖިރޫގެ ސޮއި ހޯދައިފައެވެ.