ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުގައި ހުންނަވާތާ ހަ މަސްފަހުން ދޫކޮށްލިތާ 24 ގަޑިއިރު ތެރޭ އަލުން ހައްޔަރުކޮށް ހިންގާ ތަހުގީގުގައި ކޮށްފައިވަނީ ދެ ސުވާލު ކަމަށް ފާރިސްގެ ވަކީލުން މިރޭ ވިދާޅުވެއްޖެއެވެ.

ފާރިސްގެ ވަކީލުންގެ ފަރާތުން މިރޭ އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ތުހުމަތު ކުރަނީ އުފައްދާފައިވާ މައްސަލައެއް ކަމަށެވެ.

ފާރިސް އާ ސުވާލުކުރެއްވީ "ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކާ ގުޅިގެން ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން ފާރިސް މަސައްކަތް ކުރެއްވިންތޯ ނުވަތަ އެ މަސައްކަތް ކުރައްވަން ރޭއްވެވިންތޯ" އާއި އެފަދަ އަމަލެއް ފާރިސް ހިންގެވިކަމަށް މީހަކު ބުނާނަމަ އެކަމަށް ފާރިސް ވިދާޅުވާނީ ކީކޭތޯ" ކަމަށް މައުމޫނު ވިދާޅުވިއެވެ.

ފާރިސްގެ ވަކީލުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް އަދި މައުމޫން ހަމީދު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖަވާބުގައި ފާރިސް ވިދާޅުވީ ސަރުކާރު ވައްޓާލަން މަސައްކަތް ނުކުރައްވާ ކަމަށާއި އެފަދަ އަމަލެއް ހިންގެވި ކަމަށް ތުހުމަތު ކުރާނަމަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ ފާރިސްއަށް ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އޮތް ނަމަ، އެއީ ކޮން ދުވަހަކު ކޮންތަނެއްގައި ހިނގި ކަމެއް ކަން އަދި ރިޝްވަތުގެ ގޮތުގައި ދިނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ސާފުކޮށްދޭން ފާރިސް އެދިވަޑައިގަތުމުން ފުލުހުންނަށް އެކަން ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މައުމޫނު ވިދާޅުވީ ފާރިސް އާ ކުރެއްވި ދެސުވާލަކީ ފާރިސް ގޭގައި ހުންނަވަނިކޮށް ނޫނީ ފުލުހަށް ހާޒިރުކޮށްގެންވެސް ކުރެވޭނެ ދެ ސުވާލު ކަމަށެވެ. ފާރިސް ހައްޔަރުކޮށްގެން އެ ދެސުވާލު ކުރެއްވީތީ ކަންބޮޑުވާކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައިވަހަކަ ދައްކަވަމުން ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ފާރިސްގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަކީ އޭނާގެ ސިޔާސީ ހަޔާތް ނެތިކޮށްލަން "ރާވައިގެން" ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރު ވައްޓާލަން މަޖިލިސް މެމްބަރުންތަކަކަށް ރިޝްވަރު ދިން ކަމަށް ބުނެ ހޮނިހިރު ދުވަހު ފާރިސް ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.