18 Aug 2011, 10:37
މިރޭ ފެށުމަށް ހަމަޖެހިފައިވާ އެއް ވަނަ އޯލްސްޕޯޓް ރަމަޟޯން ކެރަމް ކަޕްގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.
ޖުމްލަ 68 ކުޅުންތެރިއަކު ވާދަކުރާ މިމުބާރާތުގައި ފިރިހެން ސިންގަލްސް އަދި އަންހެން ސިންގަލްސް އިވެންޓާއި ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލަސް އިވެންޓުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދެގޮތުގައި ކޮންމެ ރެއަކު ވެސް 9:30ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ކުޅުން މިރޭ ފެށުމަށް ހަމަޖެހިފައި ވަނީ ޑަބަލްސް އިވެންޓުގެ މެޗުތަކުންނެވެ.
މުބާރާތުގެ މެޗުތައް ބަލަން ބޭނުން ކޮންމެ ފަރާތަކަށް ވެސް އެ ފުރުޞަތު ހުޅުވާލެވިފައިވާ މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގަ އެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 އިން 24 އަށެވެ.