31 Jan 2018, 22:51
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނާނާއި އިލްހާމް ފުލުހަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް، އުޅޭ ވަކި ތަނެއް ނޭނގޭތީ ޗިޓު ހަވާލު ކުރެވިފައި ނުވާ ކަމަށެވެ.
"މިވަގުތު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓް ވަނީ އެފަރާތްތަކާ ހަވާލުނުކުރެވިއެވެ" ފުލުހުންގެ ނޫސްބަޔާނުގައި ވެއެވެ.
ސިނާނާއި އިލްހާމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި ދެބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރުވުމަށް އަންގާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މިމުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރުނުވެއްޖެނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މިފަދަ ބަޔާނެއް ނެރެފައިވަނީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވާން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
އިލްހާމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި އިރު އެ މައްސަލައަށް ތާއީދުކޮށް، ސަރުކާރު ފަޅީގައި ހުންނެވުމަށްފަހު އިދިކޮޅާ ގުޅުނު މެންބަރެކެވެ. އެދުވަސްވަރު ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އިލްހާމު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.
އިލްހާމު މިރޭ ކުރެއްވި ޓްވީޓުތަކެއްގައި ވިިދާޅުވީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވާން ވަރަށް އަވަހަށް މާލެ އަންނާނެ ކަމަށެވެ. އަދި އޭނާ މާލޭގައި ނެތްކަން އެނގިހުރެވެސް ފުލުުހުން އިލްހާމު ހޯދަން އޭނާގެ އާއިލާ ދިރިއުޅުއްވާ ގެއަށް ގޮސްފައިވާ ކަމަށާއި އާއިލާ "ލަދުގަންނަވައި، ބަދުނާމުކުރަން" ކުރާ މަސައްކަތް ހުއްޓާލަން އެދޭ ކަމަށްވެސް އިލްހާމު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރުގައި މިހާރު ދިރިއުޅުއްވާ އިލްހާމު ރާއްޖެ ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވާއިރު މަޖިލީހުގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ.
ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ސިނާން އަކީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި އިރު އެ މައްސަލައަށް ތާއީދުކޮށް ސަރުކާރު ފަޅީގައި ހުންނެވުމަށްފަހު އިދިކޮޅާ ގުޅުނު މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި އިލްހާމާއި ސިނާން ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިސް ދެ މީހަކު މިރޭ ވަނީ ހައްޔަރުކޮށްފައެވެ.