އާސެނަލް ދޫކޮށް އެޓީމުގެ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫ ޗެލްސީއަށް ސޮއިކޮށްފިއެވެ.

ޖިރޫ ޗެލްސީއަށް ސޮއިކުރިކަން ބީބީސީން ވަނީ ކަށަވަރުކޮށްދީފައެވެ. ބީބީސީގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ޑޭވިޑް އޯންސްޓެއިން ރިޕޯޓްކޮށްފައިވަނީ ޖިރޫ ޗެލްސީއަށް ބަދަލުވީ 18 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއްގައި ކަމަށާއި، ޗެލްސީގެ ޑިފެންޑަރު ލުއިޒް ވެސް އެޓީމުގައި މަޑުކުރާނެކަން ޔަގީންވެފައިވާ ކަމަށެވެ. ޖިރޫ ޗެލްސީއާ ގުޅުނީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ ސީޒަންގައި ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރި ލުއިޒް، ޗެލްސީން ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ފެނިފައެއް ނުވެއެވެ. އަދި މީޑިއާ ރިޕޯޓުތައް ކުރިން ބުނެފައިވަނީ ޗެލްސީގެ ކޯޗު ކޮންޓޭއާއި ޑިފެންޑަރު ލުއިޒްއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށާއި، މި ޓްރާންސްފާ ސީޒަންގައި ލުއިޒް ޗެލްސީ ދޫކޮށްލުން ގާތް ކަމަށެވެ.

ޗެލްސީއާ ގުޅުނު ފްރާންސްގެ ފޯވަޑް ޖިރޫ ބުނީ ޗެލްސީއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ބޮޑު ކްލަބު ކަމަށާއި، ވޭތުވެދިޔަ ހައެއް ނުވަތަ ހަތް އަހަރު ތެރޭގައި އެންމެ ގިނަ ޓްރޮފީ ހޯދި އިނގެރޭސި ޓީމަކީ ވެސް ޗެލްސީ ކަމަށެވެ. އަދި ޗެލްސީ ޖާޒީގައި ކުޅެން ކެތްމަދުވެފައިވާ ކަމަށާއި، ޗެލްސީއަށް ސޮއިކުރެވުމުން ފަހުރުވެރިވާކަމަށް ވެސް ޖިރޫ ބުންޏެވެ.

ދެހާސް ބާރަވަނަ އަހަރު ފްރާންސް ލީގުގެ މޮންޓްޕެލިއާއިން އާސެނަލާ ގުޅުނު ޖިރޫ ވަނީ އެ ކްލަބަށް ކުޅުނު 180 މެޗުން 73 ގޯލް ޖަހައިދީފައެވެ.

ފިނި މޫސުމުގެ ޓްރާންސްފާ ނިމިގެންދިޔަ އިރު، ގިނަ ޓްރާންސްފާތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން އާސެނަލްއިން ގެބޯންގެ ތަރި ޕިއެރޭ އެމްރިކް އޮބަމަޔާންގެ ސޮއި ހޯދާފައިވާ އިރު، ޗެލްސީއަށް ކުޅެމުންދިޔަ ބެލްޖިއަމް ފޯވަޑް މިޗީ ބަޓްސްޗުއާއީ ވަނީ އޮބަނަޔާން ކުޅެމުންދިޔަ ޖަރުމަންގެ ޑޯޓްމަންޑަށް ބަދަލުވެފައެވެ. ބަޓްސްޗުއާއީ ޑޯޓްމަންޑަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީން ޖިރޫގެ ސޮއި ހޯދާފައިވަނީ ބަޓްސްޗުއާއީގެ ބަދަލުގައި ކަމަށް ބެލެވެއެވެ.