01 Feb 2018, 08:52
އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓު ކުރާ ފިލްމު ލީނާގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
ސަން އާ ވާހަކަ ދައްކަމުން މުއާ ބުނީ މީގެ ހަތަރު ދުވަސްކުރިން ޝޫޓިން ފަށާފައިވާ ކަމަށެވެ. ލީނާގެ ޝޫޓިން ކުރިއަށްދަނީ އއ. އުކުޅަހުގައެވެ. ފިލްމުގެ ޝޫޓިންއަށް ކްރޫ އެރަށަށް ފުރީ މިމަހުގެ 25 ގައެވެ.
"މިރަށުގެ ރައްޔިތުންވެސް ވަރަށް ކޯޕަރޭޓިވް. ފިލްމަށްޓަކައި ހުރިހާ ކަމެއް ހުސްކޮށްލާފަ،" މުއާ ބުނީ އުކުޅަހުގެ ރައްޔިތުންގެ ރޯލުތައްވެސް ފިލްމުގައި ހިމެނޭނެ ކަމަށެވެ.
"މަގުމަތިން ދާ މީހުން ވެސް ތިބެނީ ހަމަ ތައްޔާރަށް."
ލީނާ އަކީ މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރެވެ.

ލީނާގެ ޓަައިޓަލް ރޯލު ކުޅޭނީ އައްޒަ
ރާއްޖެ ސިއްސުވާލި ބޮޑު ހާދިސާއެއް އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ލީޑް ތަރި "ލިނާ"ގެ ރޯލުން ފެންނާނީ މިހާރު ދިވެހި ސިނަމާގައި ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާ މަރިޔަމް އައްޒަ އެވެ.
ލީނާގެ ގާތިލް ނުވަތަ "ޒުހޫރު"ގެ ރޯލުން ފެންނާނީ މުއާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް (ރަވީ މަންމަ) އަދި އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސްވެސް މި ފިލްމުން ފެންނާނެއެވެ.
ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

ދޮން އައްޔަ. ލީނާގެ މުހިއްމު ރޯލަކުން ފެންނާނެ --- ފޮޓޯ: ފޭސްބުކް
ފިލްމުގެ ލީޑް ތަރި އައްޒަ، އޭނާގެ ފޭސްބުކްގައި ބުނީ ލީނާގެ ސްކްރިޕްޓް ކިޔައިފި ކަމަށާއި މިއީ ވަރުގަދަ، ރީތި ފިލްމަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ލީނާގެ ކްރޫގައި ހިމެނުމަކީ ލިބުނު "ފަޚުރެެއް" ކަމަށްވެސް އައްޒަ ވަނީ ބުނެފައެވެ.
ދޮންއައްޔަ ވެސް ވަނީ ފިލްމުން ފުރުސަތު ދިންކަމަށްޓަކައި މުއާއަށް ޝުކުރު އަދާ ކޮށްފައެވެ. އައްޔަ ބުނީ އޭނާއަށް އިތުބާރުކޮށް ފުރުސަތު ދިނީތީ އުފާވާ ކަމަށާއި މުއާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެއެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ. ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރެވެ.
މި ފިލްމާމެދު މުއާ ކުރާ އުންމީދުތައް ބޮޑެވެ. ހާއްސަކޮށް ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނަށް ވާތީއެވެ.
ލީނާގެ ޑައިރެކްޓަރު، އެއް ޕްރޮޑިއުސަރު އަދި ބަތަލު/ ވިލަން މުއާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"މިއީ މުޖްތަމައުގައި މިހާރު ވެސް ހިނގާ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއް. އިންސާނީ ހުދޫދުގެ ބޭރުން މި ހިނގާ، މީހުން މެރުމާއި މާރާމާރި ފަދަ ކަންތައް، މީހުންނަށް އިހުތިރާމް ނުކުރުން ފަދަ ކަންތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އިންނާނެ،" ލީނާގެ އެއް ޕްރޮޑިއުސަރު މުއާ މީގެ ކުރިން ދިން އިއްޓަވިއުއެއްގައި ބުންޏެވެ.