18 Aug 2011, 10:00
ވޮޝިންގޓަން (އޮގަސްތް 17) : ހީނަރުވަމުންދާ އެމެރިކާގެ އިޤްތިސާދުގެ ސަބަބުން ޚަރަދުތައް ކުޑަކުރަން ޖެހިފައިވާތީ މެދުއިރުމަތީގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ދެއްވައިފި އެވެ.
އެމެރިކާ އަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ ހީނަރުކަމާ ގުޅިގެން އެމެރިކާގެ ބަޖެޓުން 1.4 ޓްރިލިޔަން ކުޑަކުރުމަށް ކުރެވޭ މަސައްކަތާގުޅިގެން ހިލަރީ ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ އެމެރިކާގެ ޚަރަދުތައް ކުޑަކޮށްފި ނަމަ އެމެރިކާގެ ބާރާއި ނުފޫޒަށް ލޮޅުންއަރާނެ ކަމުގަ އެވެ. ޚާއްސަކޮށް ތޫނިސްއާއި މިސްރުފަދަ ބައެއް ޢަރަބި ޤައުމުތަކުގައި އަލަށް އުފެދެމުންދާ ޑިމޮކްރެޓިކް ސަރުކާރުތަކަށް މާލީ އެހީ އެމެރިކާއަށް ފޯރުކޮށް ނުދެވިއްޖެ ނަމަ މެދުއިރުމަތިން އެމެރިކާގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށް ހިލަރީ ވިދާޅުވި އެވެ.
މިސްރުގެ ޑިމޮކްރަސީއަށް އެހީތެރިވުމުގެ ނަމުގައި މިސްރުގެ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތް މިސްރުގައި ސިފަކުރެވެނީ ޙުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަމާއެކު ހީނަރުވެގެންދިޔަ އެމެރިކާގެ ބާރާއި ނުފޫޒު އަލުން ހޯދުމުގެ އިސްތިއްމާރީ ވިސްނުމުގައި އެމެރިކާ ކުޅޭ ކުޅިގަނޑެއްގެ ގޮތުގަ އެވެ.
މިގޮތުން އެމެރިކާގެ އެހީގައި މިސްރުގެ ސިޔާސީ ޕާޓީތަކުން ހިފުމަކީ ޤައުމަށް ޚިޔާނާތް ތެރިވެ ބޭރުގެ އިސްތިއްމާރީ ބާރެއްގެ އަތުން ރިޝްވަތު ހިފުން ކަމަށް މިސްރުގައި ސިފަކުރެވޭތީ އެމެރިކާގެ ޚާރިިޖިއްޔާއިން މިދިޔަ ހަފްތާގައިވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
ހިލަރީ ވިދާޅުވީ މާލީގޮތުންނާއި އިޤްތިސާދީ ގޮތުން އެމެރިކާ ބަލިކަށި ވުމަކީ މެދުއިރުމަތީގައި އެމެރިކާ އަދާކުރާ ބާރުގަދަ ދައުރު ހަނިވުމުގެ އިތުރުން ޗައިނާގެ ނުފޫޒު ކުޑަކުރުމަށާއި އަލްޤާޢިދާއާ ހަނގުރާމަ ކުރުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްވެސް ބަލިކަށިވެގެންދާނެ ކަމެއް ކަމުގައެވެ. އެހެންކަމުން އެމެރިކާގެ އިޤްތިސާދު ހީނަރުވިނަމަވެސް އެމެރިކާގެ ޚާރިޖީ ޚަރަދުތަކާއި ދިފާޢީ ޚަރަދުތައް ކުޑަނުކުރުމަށް ހިލަރީ ކޮންގްރެސްއަށް އިލްތިމާސް ކުރެއްވި އެވެ. (އަލްޖަޒީރާ)