ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަގްޒަރީ ހޮޓެލް ވިޔަފާރި މޮރޮކޯއަށް ފުޅާކޮށްފިއެވެ.

މިހާރުވެސް ރޮނާލްޑޯގެ ހޮޓެލްތައް އޭނާގެ އަމިއްލަ ގައުމުގެ އުފަން ރަށް، މެޑެއިރާގެ އިތުރުން ލިސްބަންގައިވެސް ހިންގަމުންދެއެވެ. އަދި މިއަހަރު ތެރޭގައި ރޮނާލްޑޯގެ އިތުރު ހޮޓެލެއް ސްޕެއިންގެ މެޑްރިޑުގައިވެސް ހުޅުމަށް ވަނީ ހަމަޖެހިފައިއެވެ.

ރޮނާލްޑޯގެ "ޕެސްޓާނާ ސީއާރް7" ހޮޓެލް ކުންފުންޏަކީ ރޮނާލްޑޯ އަދި ޕެސްޓާނާގެ ހިއްސާ އޮންނަ ކުންފުންޏެވެ. ޕެސްޓާނާއަކީ ފުޅާ ދާއިރާއެއްގައި ޕޯޗުގަލް ޓޫރިޒަމް ތަރައްގީކުރުމަށް ހަރަކާތްތެރިވާ ހޮޓެލް އަދި ލަގްޒަރީ ރެސޯޓުތައް ބިނާކުރާ ކުންފުންޏެކެވެ.

މޮރޮކޯގެ މާރަކޭޝް ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ "ސީއާރް7"ގެ ހޮޓެލް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގައެވެ. ޕެސްޓާނާ ހޮޓެލް ގްރޫޕްގެ ޑެވެލޮޕްމަންޓް އޮފިސަރު ހޯސޭ ރޮގޭޓް ބުނެފައިވަނީ މާރަކޭޝްއަކީ ލަގްޒަރީ ހޮޓެލެއް ބިނާ ކުރުމަށް އެންމެ އެކަށޭނެ މަންޒިލެއް ކަމަށާއި، މާރަކޭޝްގެ އެމް އެވެނިއުގައި އަޅާ ހޮޓެލާއެކު އެ ސިޓީއަށް ބޮޑު އިންގިލާބެއް ގެނުވާނެ ކަމަށެވެ.

ހޯސޭ ރޮގޭޓް އިތުރަށް ބުނެފައިވަނީ ރޮނާލްޑޯގެ ހުނަރުވެރިކަމަށް އަދި ރޮނާލްޑޯގެ ހޮޓެލަށް މަރުހަބާ ކިޔުމަށް މާރަކޭޝްގެ ހުރިހާ ރައްޔިތުންވެސް ތައްޔާރުވުމަށެވެ. އަދި "ސީއާރް7"ގެ ހޮޓަލާއެކު އެ ސިޓީގައި ތިބި ފުޓުބޯޅައިގެ ހުނަރު ހުރި ކުދިންނަށް ރޮނާލްޑޯއާ ގާތް ގުޅުމެއް ބަދަހިކޮށް، ހުނަރު ދައްކާލުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް ރޮގޭޓް ބުންޏެވެ. ރޮނާލްޑޯއާއެކު ޕެސްޓާނާއިން ހޮޓެލްތަކަށް ގެނެސްދޭނެ ތަފާތަކީވެސް އެއީ ކަމަށްވެސް ހޯސޭ ރޮގޭޓް ބުންޏެވެ.

މާރަކޭޝް ސިޓީގެ އެމް އެވެނިއުގައި އަޅާ ރޮނާލްޑޯގެ ހޮޓެލްގައި 168 ރޫމްގެ އިތުރުން ދެ ރެސްޓޯރެންޓާއި ބިސްނަސް ސެންޓަރެއްވެސް ހިމެނޭނެއެވެ. މީގެ އިތުރުންވެސް އެ ހޮޓެލްގައި ފިޓްނަސް ސެންޓަރަކާއި ސްޕާއެއްގެ އިތުރުން ސުވިމިން ޕޫލެއްވެސް ހިމެނޭނެއެވެ.

މާރަކޭޝްގެ އެމް އެވެނިއުއަކީ މަގުބޫލު ޓޫރިސްޓް މަންޒިލެކެވެ. އެމް އެވެނިއުގައި މިހާރުވެސް 96 ލަގްޒަރީ ހޮޓެލް އިމާރާތް ކުރެވިފައިވެއެވެ.