ސްރީލަންކަގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެ ގައުމުގެ ސަރުކާރުން ހާއްސަ ހައިކޯޓެއް އުފެއްދުމަށް ނިންމައިފިއެވެ.

ކަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވީ އެގައުމުން ކޮރަޕްޝަން ނައްތާލާނެ ކަމުގެ ވައުދުފުޅާއެކުއެވެ.

ލަންކާގެ ކެބިނެޓުން ވަނީ މި ކޯޓު އުފެއްދުމަށް މިއަދު ރުހުން ދީފައެވެ. ތިން ފަނޑިޔާރުންގެ ބެންޗެއް ހިމެނޭ އެ ކޯޓު އެކުލަވާލުމާ ގުޅޭ މައްސަލަ ވަރަށް އަވަހަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެއެވެ.

އެ ކޯޓު އެކުލަވާލަނީ ކޮރަޕްޝަނުގެ މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ މަގްސަދުގައެވެ.

ރާޖަޕަކްސަގެ އަރިސް ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައި މިހާރުވެސް މައްސަލަތައް ބަލަމުން އަންނައިރު ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ ސާބިތުވެ ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.