31 Jan 2018, 19:24
ވެރިކަން ކުރާ ޕީޕީއެމްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެ ޕާޓީގެ ކައުންސިލުގައި މިއަދު މަޝްވަރާކޮށްފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް "ސަން" އަށް ވިދާޅުވީ ޕާޓީގެ ކަންތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތަކާ ގުޅޭގޮތުން މިއަދުގެ ބައްދަލުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޚަލީލު ވިދާޅުވީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުން ތައާރަފްކޮށްފައިވާ ރައްޔިތުންނާ ގުޅުންހުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"ސަރުކާރުން ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ތައާރަފްކޮށްފައިވާ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ގިނަ ރައްޔިތުންނަށް ނޭނގޭ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާއި، ތައާރަފްކޮށްފައިވާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް އެ ރައްޔިތުންނާ ބައްދަލުކުރަން މިއަދުގެ ބައްދަލު ވުމުގައި މަޝްވަރާކުރެވުނު،" ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޚަލީލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕީޕީއެމް އިން މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީންކަން މިހާރު ވާނީ އިއުލާނު ކުރެވިފަ. އިންތިހާބު އަދި ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް އަޅުގަނޑުމެންވެސް މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ޕޮޒިޓިވް ރިކޯޑެއް އޮތް ބޭފުޅެއް. އެހެންވީމަ އަޅުގަނޑުމެންގެ ކެންޑިޑޭޓު ސެލް ކުރަން އެއްވެސް ހުރަހެއް، އުނދަގުލެއްވެސް ނޯންނާނެ،" ޚަލީލް ވިދާޅުވިއެވެ.
ޚަލީލު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ތެރޭ ސަރުކާރުން ރައްޔިތުންނަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ވަފުދުތައް އަތޮޅުތަކަށް މިހާރުވެސް ޒިޔާރަތް ކުރާ ކަމަށާއި އެ ދަތުރުތައްވެސް އިތުރުކޮށް މަސައްކަތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.