18 Aug 2011, 09:52
ޤާހިރާ (އޮގަސްޓް 18) : އެމެރިކާއާ އެކު މިސްރުން ކޮންމެ އަހަރަކު ބާއްވާ ޢަސްކަރީ ތަމްރީންތައް މި އަހަރު ނުބާއްވާނެކަން މިސްރުން ހާމަކޮށްފި އެވެ.
މިސްރުގެ ޢަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަަރަކު ދެޤައުމުގެ ސިފައިން ކުރިޔަށްގެންދާ ޢަސްކަރީ ތަމްރީންތައް ނުބޭއްވުމަށް ނިންމީ މިސްރަށް ސިޔާސީ ގޮތުން މިހާރު އައިސްފައިވާ ބަދަލާގުޅިގެންނެވެ. އެމެރިކާއިންވެސްވަނީ މިސްރާއެކު ބާއްވާ ޢަސްކަރީ ފަރިތަކުރުންތައް މި އަހަރު ނުބާއްވާކަން ކަށަވަރުކޮށްދީފަ އެވެ.
އެމެރިކާގެ އެންމެ މަސްލަޙަތާ އެއްގޮތަށް މިސްރުގައި ވެރިކަން ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކް، ރައްޔިތުންގެ އިންޤިލާބެއްގައި ވެރިކަމުން ވައްޓާލުމާއެކު މިސްރުގައި ޒަމާނުއްސުރެ އޮތް އެމެރިކާގެ ބާރާއި ނުފޫޒަށްވަނީ ލޮޅުންއަރާފައެވެ. އަދި މިސްރުގައި އެމެރިކާ ސިފަކުރެވެނީ އެޤައުމުގެ ކުރީގެ ޑިކްޓޭޓަރުންނަށް ވާގިވެރިވި އިސްތިޢްމާރީ ޚިޔާލުގެ ޤައުމެއްގެ ގޮތުގަ އެވެ.
ބްރައިޓް ސްޓާރ ގެނަމުން ނަންދެވިފައިވާ މި ޢަސްކަރީ ތަމްރީންތަކަކީ މިސްރާއި އެމެރިކާ ސިފައިންގެ މެދުގައި 1980 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ ފަރިތަކުރުން ތަކެކެވެ. (ރޮއިޓާސް)