ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމް އާއި ރައީސް މައުމޫންގެ ސެކިއުރިޓީއެއް ކަމަށްވާ މ. ޕެންޒީ ހައުސް މުހައްމަދު އަޒްމީއެވެ.

ނަޖުމާ އާއި އަޒުމީ ހައްޔަރުކުރީ އެ ދެ މީހުން ދިރިއުޅޭ ގެއިން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ މީހުން ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފައެވެ.

އެ އަމުރުގައި ވަނީ މަޖިލިސް މެމްބަރުންތަކަކަށް އަޒްމީ ފައިސާ ބެހި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ވެރިކަން، ގާނޫނާ ޚިލާފަށް ވައްޓާލުމަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައިވާގޮތުން އަޒްމީ މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި، އެކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވައި، ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއް ކަމަށް ފެންނަ ކަމަށެވެ.

އެ މައްސަލާގައި ހަވާލާދީފައި ވަނީ ޓެރަރިޒަމް ގާނޫނުގެ ބައެއް މާއްދާ ތަކަށާއި ގާނޫނުލް އުގޫބާތުގެ ބައެއް މާއްދާތަކަށެވެ. ގާނޫނުލް އުގޫބާތުން ހަވާލާދީފައިވާ މާއްދާތަކުގެ ތެރޭގައި ރިޝްވަތާ ގުޅޭ މާއްދާ ހިމެނެއެވެ.

ކޯޓު އަމުރުގައިވާގޮތުން އެ މައްސަލާގައި ލިބިފައިވާ ހެކިތަކަކީ ހެއްކެއްގެ ހެކިބަހާއި ވީޑިއޯ ފުޓޭޖު، ފޮޓޯ އަދި ކޯލް ޑީޓެއިލްސްއެވެ.

އެ މައްސަލައާ ގުޅިގެން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮށްކޮ ފަރީޝާ އިބްރާހިމްގެ ގެކޮޅު ކަމަށްވާ މ. އެންދެރިގަސްގޭގެ ޑްރައިވަރު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރުންނެވެ.