އާސެނަލްގެ ކްލަބު ރެކޯޑު އަގަކަށް ގެބޯންގެ ފޯވާޑް ޕިއެރޭ އެމްރިކް އޮބަމަޔާން އެ ކްލަބަށް ސޮއިކޮށްފިއެވެ.

ޖަރުމަން ބުންޑަސްލީގާގެ ބުރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދިޔަ ފޯވާޑް އޮބަމަޔާން އާސެނަލަށް ސޮއިކޮށްފައިވަނީ އެ ކްލަބުގެ ރެކޯޑު އަގެއް ކަމަށްވާ 56 މިލިއަން ޕައުންޑުގެ އަގެއްގައެވެ. އާސެނަލަކީ އާންމުކޮށް ބޮޑެތި އަގުތަކުގައި ކުޅުންތެރިން ގެންނަ ކްލަބެއް ނޫނެވެ.

ބީބީސީ ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮބަމަޔާން އާސެނަލަށް ސޮއިކޮށްފައިވާ ކޮންޓްރެކްޓްގެ މުއްދަތު އަދި ހާމަނުކުރި ނަމަވެސް އޭނާ ސޮއިކޮށްފައިވަނީ ދިގު މުއްދަތަކަށެވެ. ޑޯޓްމަންޑާއެކު ހިތްހަމަ ނުޖެހުންތަކެއް އުޅޭކަމަށް މީގެކުރިންވެސް އޮބަމަޔާން ބުނެފައިވާ އިރު، އާސެނަލްއިން އޭނާ ހޯދުމަށް ކުރިން ކުރި ދެ ބިޑަކަށް ޑޯޓުމަންޑުން ވަނީ ނޫނެކޭ ބުނެފައެވެ.

ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރު މިއަދު ބަންދުވާ އިރު، ގިނަ އަދަދެއްގެ ޓްރާންސްފާތަކެއް މިއަދު ހިންގާނެ ކަމަށް ބެލެވެއެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީގެ ބެލްޖިއަމް ފޯވަޑް މިޗީ ބަޓްސްޗުއާއީ ޑޯޓްމަންޑާ ގުޅިފައިވާ އިރު، އޭނާ ނެތްތަން ފޫބެއްދުމަށް އާސެނަލްގެ ފްރާންސް ސްޓްރައިކަރު އޮލިވިއާ ޖިރޫ ޗެލްސީއާ ގުޅޭނެކަމަށް ބެލެވެއެވެ.

އޮބަމަޔާންއަކީ 2015 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިޔާއެވެ. 2016 ވަނަ އަހަރުގެ ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އޮބަމަޔާން ވަނީ މިދިޔަ ސީޒަންގައިވެސް އޭނާގެ ކްލަބަށް 31 ގޯލް ޖަހައިދީފައެވެ.

ދެހާސް ތޭރަވަނަ އަހަރު އޮބަމަޔާން، ޑޯޓުމަންޑާ ގުޅުނީ ފްރާންސްގެ ސެއިންޓް އެޓެއަންއިންނެވެ. އޭނާ ވަނީ ޑޯޓުމަންޑަށް ކުޅެދިން 213 މެޗުން 141 ގޯލް ޖަހައިފައެވެ.