ފިރިހެން ދަރިންނަކީ ލިބޭ ނަސީބެއް ކަމަށާއި، އަންހެން ކުދިންނަކީ އާއިލާއަށް ޖެހޭ ބުރައެއް ކަމަށް ގަބޫލު ކުރާ ގަބޫލު ކުރުން އިންޑިއާގެ ސަގާފަތެއްގެ ގޮތުގައި އަދިވެސް އެބައޮތެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ނޫނީ ކުޑަކޮށް ތަރައްގީ ވެފައިވާ ސަރަހައްދު ތަކުގައެވެ.

އަންހެން ކުއްޖަކު ލިބުމުން، އެކުއްޖާ ބޭނުން ނުވެ ފިރިހެން ކުއްޖަކު ލިބޭތޯ މަސައްކަތްކޮށް އެތައް އަންހެން ދަރިން ލިބޭއިރުވެސް އެކަން ކާމިޔާބު ނުވާ މީހުންވެސް އެބަތިއްބެވެ. ދަރިންނަކީ މާތްރަސްކަލާނގެ ދެއްވާ ނިއުމަތަކަށް ވާއިރު އިންޑިއާގައި ޒަމާނުއްސުރެ ގަބޫލުކުރާ ކަމަކީ އަންހެން ކުދިންނަކީ އާއިލާއަށް މާލީ ގޮތުންވެސް ކުރިމަތިވާ ބޮޑު ގޮނޖެހުމެކެވެ. ހާއްސަކޮށް ކައިވެންޏާއެކު ފިރިހެން ކުއްޖާގެ އާއިލާއަށް ދޭ "ޑައުރީ" އަކީ ގާނޫނީ ކުށަކަށް ވިޔަސް އަދިވެސް އެއީ އެގައުމުގައި ގިނަ ބަޔަކު ޕްރެކްޓިސް ކުރާ ސަގާފަތެކެވެ.

މީގެ އިތުރުން ފިރިހެން ކުދިންނަކީ "ބްރެޑްވިނާސް" ކަމަށް ގަބޫލުކޮށް އެއީ އާއިލާއަށްވެސް ލިބޭ ބޮޑު ރަހުމަތެއްކަމަށް ގަބޫލުކުރެއެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި އޮތީ އަންހެން ކުއްޖެއްކަން އެނގޭ ހިސާބުން ދަރިފުޅު އެބޯޓްކޮށްލާ މީހުން އަދިވެސް އިންޑިއާގައި ތިބިއިރު އިންޑިއާގެ ސެކްސް ރޭޝިއޯ އަކީ ކޮންމެ 1000 ފިިހެނުންނަށް 940 އަންހެނުންނެވެ. ދަރިފުޅުގެ ޖިންސް ބެލުމަށްފަހު ބޭނުންވާ ކަހަލަ ކުއްޖަކަށް ނުވާނަމަ އެބޯޓް ކުރުމަކީވެސް އެގައުމުގައި ގާނޫނީ ކުށެކެވެ.

ނަމަވެސް އިންޑިއާގެ ސަރުކާރުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ބައެެއް އާއިލާތަކުން ބޭނުންވާ ވަރަށް ފިރިހެން ކުދިން ލިބެންދެން އެ އާއިލާތަކުން ދަރިން ހޯދައެވެ. މިގޮތަށް ލިބޭ އަންހެން ކުދިންނަކީ އެކުދިންނަށް ލިބެންޖެހޭ އެތައް ހައްގަކުން މަހުރޫމުވެފައި ތިބި ކުދިންނެވެ.

އެ ދިރާސާގައި ބުނާގޮތުން ގިނަ އާއިލާތަކުން ފިރިހެން ކުދިން ލިބުމުން ދަރިން ހޯދުން ހުއްޓާލައެވެ. އަދި އަންހެން ކުއްޖަކު ލިބިއްޖެނަމަ ފިރިހެން ކުއްޖަކު ލިބެންދެން ދަރިން ހޯދައެވެ.

މީގެ އިތުރުން މާބަނޑު އަންހެނުންނަށް ވެސް ދިމާވާ އެންމެ ބޮޑު ޕްރެޝަރަކީ އާއިލާއިން ފިރިހެން ކުއްޖަކު ބޭނުންވެފައި ތިއްބާ ބަނޑުގައި އޮތީ އަންހެން ކުއްޖެއްކަން އެނގޭ ހިސާބުން ކުރިމަތިވާ ނުތަނަވަސްކަމެވެ. އެ އަންހެން މީހާ އަށްވެސް ބަދުބަސްތަކާ ކުރިމަތިލާން ޖެހެއެވެ. މިގޮތަށް އުފަންވާ އަންހެން ކުދިން ސްކޫލަށް ނުފޮނުވައި ބޮޑު ކުރާ ކަމަށާއި ޅަ އުމުރުގައި ކައިވެނިކުރުވައި ގެއިން ފޮނުވާލާކަމަށްވެސް ދިރާސާއިން ދައްކައެވެ.

މިގޮތަށް އާއިލާ އިން ބޭނުންނުވާ 21 މިލިއަން އަންހެން ކުދިން އިންޑިއާގައި އެބަތިއްބެވެ. ބްރިޓިޝް މެޑިކަލް ޖާނަލް އިން 2011 ވަނަ އަހަރު އިންޑިއާގައި ކުރި ދިރާސާއަކުން ދައްކާގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައި އޮތް ދަރިފުޅުގެ ޖިންސު ބެލުމަށްފަހު އަންހެއް ކުއްޖެއްކަން އެނގުމުން ފާއިތުވި 30 އަހަރު ތެރޭ 12 މިލިއަން ކުދިން އެބޯޓްކޮށްފައިވެއެވެ.