ވޮޝިންގޓަން (އޮގަސްޓ 18) : އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކާއެކު ޕާކިސްތާނުން ގުޅުންތައް ބާއްވަމުން ގެންދިޔަނަމަވެސް ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރުން ނޫންގޮތެއް އެމެރިކާއަށް ނެތްކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނީޓާ ވިދާޅުވެއްޖެ އެވެ.

ވޮޝިންގޓަންގައި ހުންނަ އެމެރިކާގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ވާހަކަ ދައްކަވަމުން ބެނީޓާ ވިދާޅުވީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ސަރޙައްދީ ރޮނގު ހުރަސްކޮށް ޙަމަލާދެމުން ގެންދާ ޙައްޤާނީ ނެޓްވާކުގެ ހަނގުރާމަވެރިންނަށް ޕާކިސްތާނުން މަދަދާއި އެހީތެރިކަން ދޭކަމުގައެވެ. އަދި ޙައްޤާނީ ޖަމާއަތުގެ ހަނގުރާމަވެރިން ޕާކިސްތާނުގެ ބިން ބޭނުންކޮށްގެން އެމެރިކާ ސިފައިންނަށް ޙަމަލާދޭކަން ޕާކިސްތާނަށް އެނގޭއިރު މިކަން ހުއްޓުވަން ޕާކިސްތާނުން އެއްގޮތަކަށްވެސް މަސައްކަތް ނުކުރާކަމަށް ބެނީޓާ ވިދާޅުވި އެވެ.

ނަމަވެސް މިކަމާގުޅިގެން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އެޅެން އެމެރިކާއަށް ނެތްކަމަށާ އެމެރިކާއަށްއޮތީ ކޮންމެ ގޮތެއްގައިވެސް ޕާކިސްތާނާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ބެނީޓާ ވިދާޅުވިއެވެ. އިންޑިޔާގެ މުމްބާއި އަށް ޙަމަލާދިން ކަމަށް ބެލެވޭ ލަޝްކަރޭ ތައިބާ ޖަމާއަތަށްވެސް ޕާކިސްތާނުން އެހީވަމުންދާ ކަމަށް ބެނީޓާ ތުހުމަތު ކުރެއްވިއެވެ. އަދި މިކަންކަމާގުޅިގެން ޕާކިސްތާން އެކަހެރި ކުރެވެން އެމެރިކާއަށްނެތް ކަމަށް ބެނީޓާ ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ ނިއުކްލިޔަރ ހަތިޔާރާމެދު އެމެރިކާ ކަންބޮޑުވާތީ ޕާކިސްތާނާއެކު ގާތްގުޅުންތަކެއް ބޭއްވުމަށް ކަމަށްވެސް ބެނީޓާ ވިދާޅުވިއެވެ. (އަލްޖަޒީރާ)