31 Jan 2018, 21:34
ދަރުބާރުގެ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ހައުސިން މިނިސްޓްރީ އޮޑިޓް ކުރުމަށް ފަހު، އޮޑިޓް އޮފީހުން މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތަކަށް، ދެވޭ ހިދުމަތަކަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެން ޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން އެއް މަސް ދުވަސްތެރޭގައި ހޯދަން މާލިއްޔަތުގެ ގާނޫނުގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް ދަރުބާރުގެ ކުއްޔަށް ދީގެން މިނިސްޓްރީއަށް ލިބެންޖެހޭ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.
ދަރުބާރުގެ ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ ރުފިޔާގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ 2010 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ދަރުބާރުގެ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ނުކުރަނިސް ލިބެން ޖެހޭ ރުފިޔާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވެ އެވެ.
މާލިޔައްތުގެ ގާނޫނާ އެއްގޮތަށް ދަރުބާރުގެ ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ ފައިސާ ހޯދުމަށް އޮޑިޓް އޮފީހުން ހައުސިން މިނިސްޓްރީއަށް ވަނީ ލަފާދީފަ އެވެ.