ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ރިޝްވަތުގެ މައްސަލާގައި ހުށަހެޅި ފޮރެންސިކް ހެކި މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލު ކުރުމަށް ދައުލަތުން އެދުނު ގޮތަށް ފުރުސަތު ނުދޭން ކޯޓުން ކަނޑައަޅައިފި އެވެ.

އެ މައްސަލާގައި މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެއްގައި ވެސް ފޮރެންސިކް ހެކި މިނިވަން ތިން ވަނަ ފަރާތަކަށް ދޭން ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން ހުށަހެޅުމުން ދައުލަތުން ދެކޮޅު ހަދާފައެއް ނުވެ އެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މިނިވަން ތިން ވަނަ ފަރާތަކުން ފޮރެންސިކް ހެކި ތަހުލީލު ކުރަން ދީފި ނަމަ މައްސަލަ ދިގުލައިގެން ދާނެ ކަމަށެވެ. އަދި މިހާތަނަށް އެފަދަ ފުރުސަތެއް ދިފާއުގައި އަންނަ މީހަކަށް ދީފައި ނުވާކަން ފާހަގަކޮށް ދައުލަތުގެ ވަކީލާ ވިދާޅުވީ، ފާރިސަށް އެކަން ކުރެއްވުނަސް، އެހެން މީހުންނަށް އެފަދަ ކަންކަން އަމިއްލަ ހަރަދުގައި ނުކުރެވިދާނެ ކަމަށެވެ. އޭރުން އެއީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ފާރިސްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ މިހާރު ފާރިސްގެ ފަރާތުން ފްރެންސިކް ހެކި ތަހުލީލި ކުރާ އިންޑިއާގެ ކުންފުންޏަކާ ވާހަކަ ދައްކައި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ގާނޫނުން އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް މައުމޫން ފާހަގަކުރެއްވި އެވެ.

މައުމޫން ވިދާޅުވީ މިނިވަން ފަރާތެއް މެދުވެރުކޮށް ހެކި ތަހުލީލު ކުރުމުގެ ފުރުސަތަކީ ހުރިހާ ފަރާތަކަށް ވެސް ލިބިދޭން ޖެހޭ ހައްގެއް ކަމަށާއި އިންސާފުވެރި ގޮތަކަށް އަމަލުކުރުމަށް ކަމަށް ބުނެ ފާރިސްއަށް އެ ފުރުސަތު ނުދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ހުށަހެޅުމަށް ގޮތެއް ނިންމަވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ ފޮރެންސިކް ހެކި ތަހްލީލު ކުރާނެ އިތުރު ފަރާތެއް ރާއްޖޭގައި ނުހުންނަ ކަމަށެވެ. އަދި ފުލުހުންގެ އަތުގައި ހުންނަ ހެކި އެހެން ފަރާތަކަށް ދޫކުރެވޭނެ ގޮތެއް ވެސް ގާނޫނުގައި ނެތް ކަމަށެވެ. އެހެން ކަމުން އެ ފުރުސަތު ދެވެން ނެތް ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށެހެޅި އެހެން ކަން ކަމަށް ވެސް ގާޒީ ގޮތެއް ނިންމާފަ އެވެ. އެގޮތުން ފާރިސްގެ ފަރާތުން ހުށަހެޅި 23 ނުކުތާ ވެސް ނިންމާފައި ވަނީ އޭނާއާ ދެކޮޅަށެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި އެއް ނުކުތާ ވަނީ ދައުލަތުން ހުށަހެޅި ގޮތަށް ނިންމައިފަ އެވެ. އެއީ ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ހުށަހަޅާފައިވާ ފަރާތްތައް ސިއްރުކޮށްދިނުމެވެ. އެ ހުށަހެޅުމަށް ގޮތެއް ނިންމަވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލައިގެ ބާވަތުން ހެކި ހާމަކޮށްފި ނަމަ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރެވޭތީ ހެކި ސިއްރުކުރުމަށް ކަނޑައަޅާ ކަމަށެވެ.

އެ މައްސަލާގައި އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނާނީ ދެ ފަރާތުން ހުށެހެޅުމަށް ހަމަޖެހިފައިވާ ހެއްކާ މެދު ގޮތެއް ނިންމައި ހެކި ހުށަހެޅުމުގެ މަޖިލީހެވެ.