01 Feb 2018, 09:06
ކެންބެރާާ(30 ޖެނުއަރީ): އޮސްޓްރޭލިއާ ސަރުކާރުގެ ފައިލް ކެބިނެޓްތަކެއް ނީލަމުގައި، ސިއްރު ލިޔުންތަކާއެކު ވިއްކާލުމުން ސަރުކާރުގެ ސިއްރުތައް ބޭޒާރު ވެއްޖެއެވެ.
އޮސްޓްރޭލިއާ ދައުލަތުގެ ޓީވީ، އޭބީސީން ބުނީ އެ ސިއްރު ލިޔުންތައް ހިމެނޭގޮތަށް ފައިލް ކެބިނެޓްތައް ވިއްކާލީ އޮޅިގެން ކަމަށެވެ. އޮސްޓްރޭލިއާ ސަރުކާރުން ފާއިތުވި ދިހަ އަހަރު ތެރޭގައި ވެރިކަންކުރި ފަސް ސަރުކާރުގެ މުހިންމު ސިއްރު ލިޔުންތައް ލީކް ވެފައިވާއިރު، މިއީ އޮސްޓްރޭލިއާގެ ތާރިހުގައިވެސް ހިނގި އެފަދަ އެންމެ ބޮޑު ހާދިސާ އެެވެ.
އޭބީސީން އާންމު ކުރި ލިޔުންތަކުގައި އޮސްޓްރޭލިއާގެ ސަރުކާރުން އެގައުމުން، ހިމާޔަތް ހޯދުމަށް ވަންނަ މީހުންނަށް ދާއިމީ ވިސާ ދިނުން ހުއްޓުވުމަށް އެ ގައުމުގެ ޖާސޫސީ އިދާރާއާ ދެމެދު ކުރެވިފައިވާ މުއާމަލާތްތައް ވެސް ހިމެނެއެވެ.
އޭގެ އިތުރުން އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ޖޯން ހޮވާޑްގެ ވެރިކަމުގައި 30 އަހަރުން ދަށުގެ މީހުންނަށް ވެލްފެއާގެ އެހީތައް ދިނުން ހުއްޓާލުމަށް މަޝްވަރާކުރިކަން ވެސް ލިޔުންތަކުން ވަނީ އެނގިގެން ގޮސްފައެވެ.
ލީކުވި ލިޔުންތަކުގައި މެދުއިރުމައްޗާއި، އަފްގާނިސްތާނުގެ ހަނގުރާމައިގެ އިތުރުން އޮސްޓްރޭލިއާގެ އަވަށްޓެރި ގައުމުތަކާ ބެހޭ ޖާސޫސި މައުލޫމާތުތައް ވެސް ހިމެނެއެވެ.
ކެބިނެޓްގައި ހުރި ސިއްރު ލިޔުންތައް އާންމު ކުރުމަށް ހަމަޖެހިފައި އޮތީ 20 އަހަރު ފަހުންނެވެ.
ގައުމީ ސަލާމަތަށް ވިސްނައި ހުރިހާ ލިޔުމެއް ޝާއިއު ނުކުރާނެ ކަމަށް އޭބީސީން ބުންޏެވެ.
މަސްދަރު: ފައިނޭންޝިއަލް ޓައިމްސް