31 Jan 2018, 14:24
ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އިން ހިންގާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭން މެޝިންއެއް ބެހެއްޓުމަށް އެ ރަށަށް އެ މެޝިން ގެންގޮސްފި އެވެ.
އެ މެޝިން އެ ރަށަށް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި މިހާރު އެ މެޝިން ވަނީ ހޮސްޕިޓަލުގެ ތެރެއަށް ވައްދައިފަ އެވެ.
ނިމްސް އިން ބުނި ގޮތުގައި މިހާރު ދަނީ އެ މެޝިން ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވީހާ ވެސް އަވަހަކަށް އެ މެޝިން މެދުވެރިކޮށް ހިދުމަތްދޭނެ ކަމަށް ވެސް ނިމްސް އިން ވަނީ ބުނެފަ އެވެ.
ސީޓީ ސްކޭން މެޝިން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރު އެ މެޝިންގެ ހިދުމަތް ދިނުމަށް އެގްރިމަންޓްގައި އޮތް މުއްދަތު ވަނީ ފަހަނަޅައި ގޮސްފަ އެވެ. އަދި މިވަގުތު ހޮސްޕިޓަލުގެ ކަންކަން ބަލަހައްޓަމުން ދަނީ ހެލްތު މިނިސްޓްރީންނެވެ.
ސީޓީ މެޝިން ބަހައްޓަން ނިމްސް އިން މަސައްކަތް ކުރާ އިރު އެ މެޝިން ބަހައްޓާ ކޮޓަރީގެ މަސައްކަތް އަދި އެއްކޮށް ނިމިފައި ނުވާ ކަމުގެ މައުލޫމާރު ވަނީ ލިބިފަ އެވެ. ނަމަވެސް ނިމްސް އިން ބުނީ އެ މައްސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ޖެހިގެން އަންނަ މަހު އެ ހިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ނޮވެމްބަރު މަހުގެ ތެރޭގައި ސީޓީ ސްކޭން މެޝިން ރާއްޖެ އައިސްފައިވާ އިރު މިހާތަނަށް ވެސް އެ މެޝިން ހޮސްޕިޓަލަށް ނުގެންދެވި ހުރީ ކަސްޓަމުން ކްލިއާނުކުރެވޭތީ ކަމަށް ނިމްސްގެ ދިވެހި ހިއްސާދާރު އަލީ އުސެއިދުވަނީ ވިދާޅުވެފަ އެވެ. އަދި ސީޓީ މެޝިން އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ވީހާ ވެސް އަވަހަކަށް ސީޓީ ސްކޭން މެޝިން ކުޅުދުއްފުއްޓަށް ގެންގޮސް ހިދުމަތް ދިނުމަށް އުސެއިދު ގޮވާލާފައިވަނިކޮށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ އިންޑިއާގެ ނިމްސް އާއި ދިވެހި ހިއްސާދާރު އުސައިދުއާ ދެމެދު މައްސަލަ ޖެހި، އެ ހޮސްޕިޓަލަށް އަންނަން ޖެހޭ ތަރައްގީ މަޑުޖެހިފައިވާތީ ހެލްތު މިނިސްޓްރީން އެކަންކަން ހައްލުކުރަން ނިމްސް އަށް 10 ދުވަހުގެ މުހުލަތެއް ދިނެވެ.
އެ މުހުލަތު ހަމަވުމުން ނިމްސް އިން ވަނީ މައްސަލަތައް ހައްލުވެފައިވާ ކަމަށް ބުނެ ސިޓީއަކުން އެކަން ހެލްތު މިނިސްޓްރީއަށް އަންގައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.