ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ރިޝްވަތުގެ މައްސަލާގައި ހުށަހެޅި ފޮރެންސިކް ހެކި މިނިވަން ތިންވަނަ ފަރާތަކަށް ތަހުލީލު ކުރަން ދޭން ދައުލަތުން ދެކޮޅު ހަދައިފި އެވެ.

އެ މައްސަލާގައި މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެއްގައި ވެސް ފޮރެންސިކް ހެކި މިނިވަން ތިން ވަނަ ފަރާތަކަށް ދޭން ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން ހުށަހެޅުމުން ދައުލަތުން ދެކޮޅު ހަދާފައެއް ނުވެ އެވެ. އެހެންވެ އެކަމަށް ގާޒީ ފުރުސަތު ދެއްވި އެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މިނިވަން ތިން ވަނަ ފަރާތަކުން ފޮރެންސިކް ހެކި ތަހުލީލު ކުރަން ދީފި ނަމަ މައްސަލަ ދިގުލައިގެން ދާނެ ކަމަށެވެ. އަދި މިހާތަނަށް އެފަދަ ފުރުސަތެއް ދިފާއުގައި އަންނަ މީހަކަށް ދީފައި ނުވާކަން ފާހަގަކޮށް ދައުލަތުގެ ވަކީލާ ވިދާޅުވީ އެހެން މީހުންނަށް އެފަދަ ކަންކަން އަމިއްލަ ހަރަދުގައި ނުކުރެވިދާނެ ކަމަށެވެ. އެއީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ފާރިސްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ މިހާރު ފާރިސްގެ ފަރާތުން ފްރެންސިކް ހެކި ތަހުލީލި ކުރާ އިންޑިއާގެ ކުންފުންޏަކާ ވާހަކަ ދައްކައި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެ ކުންފުންޏަކީ ސްވިޒަލެންޑްގެ ބަޔަކާ ގުޅިގެން ފްރެންސިކް ހެކި ތަހުލީލު ކުރާ ބައެއް ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

އަދި ފާރިސް ބަންދުގައި ހުރުމުން އެކަމާ މަޝްވަރާ ކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ ދެހަފްތާއަށް ވުރެ ގިނަ ދުވަސް ހެކި ތަހުލީލު ކުރަން ނަގާފާނެ ކަމަށް މައުމޫނު ހަމީދު ވަނީ ވިދާޅުވި އެވެ.

ރިޝްވަތުގެ މައްސަލާގައި އެންމެ ފަހުން ޝަރީއަތް ބޭއްވި ދުވަހު ފާރިސް ބަންދުން ދޫކޮށްލީ ފޮރެންސިކް ހެކި ތަހުލީލު ކުރަން ގިނަ ދުވަސް ނަގާނެތީ ކަމަށް ބުނެ އެވެ.

ނަމަވެސް ފަހުން ސަރުކާރު ވައްޓާލަން ރިޝްވަރު ދިން ކަމަށް ބުނެ ފާރިސް ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.