31 Jan 2018, 14:08
ދޮށީ އުމުރުުގެ މީހުންނަށް އަމާޒުކޮށްގެން ޖެންޑާ މިނިސްޓްރީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ހަރަކާތްތައް ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން އިފްތިތާހުކުރި ރަންވޭލާ ކެމްޕެއިން ހިންގި ހަތަރު ވަނަ އަތޮޅެވެ. މީގެ ކުރިން އެ ކެމްޕެއިން ހިންގާފައިވަނީ ބ. އަތޮޅާއި ޅ. އަތޮޅު އަދި މ. އަތޮޅުގައެވެ.
ރަންވޭލާގެ ދަށުން ޖެންޑާ މިނިސްޓްރީން ދ. އަތޮޅުގެ ހުރިހާ ރަށަކަށް ގޮސް އެ ރަށްރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމަށް ސެޝަންތަކެއް ވަނީ ހިންގާފައެވެ.

ޖެންޑާ މިނިސްޓްރީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ދަށުން ޖެންޑާ މިނިސްޓަރު ޒެނީޝާ ދ. އަތޮޅުގެ ދުވަސްވީ މީހަކާއެކު --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
އެގޮތުން ދޮށީ އުމުރުގެ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި އެ ފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި ހިންގި ސެޝަނުގައި ދ. އަތޮޅުގެ 250 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ.
އޭގެ އިތުރުުން ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ވެސް ހިންގާފައި ވާއިރު ދޮށީ އުރުމުގެ މީހުންނަށް ރަށު ފެންވަރުގައި ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަގްސަދުގައި ސިއްހީ އަދި އިޖްތިމާއީ ހިދުމަތްތެރިންނަށް އަމާޒުކޮށް ވޯކްޝޮޕެއް ވަނީ ހިންގައިފައެވެ.
ދ. އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ތ. އަތޮޅުގެ 12 ރަށެއްގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނާއި ސޯޝަލް ސާވިސް ވޯކަރުންގެ ތެރެއިން 34 ބޭފުޅުން ބައިވެރިވިއިރު އެ ވޯކްޝޮޕްގައި ދޮށީ އުމުރުގެ މީހުންނަށް ދިމާވާ ސިއްހީ އަދި ނަފްސާނީ މައްސަލަތަކާއި މުޖުތަމައުގައި ދިމާވާ ދަތިތަކާއި، ދާނުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ އަޅައިލުމުގެ އިތުރުން ޕެންޝަނާ ގުޅޭ މުހިއްމު މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.

ޖެންޑާ މިނިސްޓްރީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ދަށުން ޖެންޑާ މިނިސްޓަރު ޒެނީޝާ ދ. އަތޮޅުގެ ދުވަސްވީ މީހަކާއެކު --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
އެ ބޭފުޅުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމުރުން ދުވަސްވީ މީހުން ކަސްރަތާއި ސިއްހަތު ޕްރޮގްރާމުތަކުގައި ހަރަކާތްތެރިވެ އުޅޭތަން ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ.
"އުމުރުން ދުވަސްވީ މީހުން އާ ކަންތައްތައް ދަސްކޮށް އެކި ކަންކަމުގައި މަސްއޫލުވެ، ގޭތެރޭގެ މާހައުލުގައްޔާއި މުޖުތަމައުގެ ތެރޭގައި އިސްދައުރެއް އަދާކުރުމަކީ މިއަދުގެ ޒުވާން ޖީލަށް ލިބޭ އާ ހިތްވަރަކާ ރީތި ނަމޫނާއެއްކަން ޔަގީން،" މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އިފްތިތާހުކުރި ދޮށީ އުމުރުގެ މީހުންގެ ގައުމީ ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެސް ދޮށީ އުމުރުގެ ފަރާތްތަކަށް ފައިދާ ކުރަނިވި ތަފާތު ޕްރޮގްރާމްތައް ހިންގަން ގަސްދުކުރައްވާ ކަމަށެވެ.

"ރަންވޭލާ" ކެމްޕެއިންގެ ދަށުން ހިންގި ވޯކްޝޮޕެއްގެ ބައިވެރިއަކަށް މިނިސްޓަރު ޒެނީޝާ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ޖެންޑާ މިނިސްޓްރީ