17 Aug 2011, 21:40
ރީތިރަށުން ފުރައިގެން މާލެ ދަތުރު ކުރި ލޯންޗެއް އާރަށް ކައިރިންް ކަންނެލި މަސްދޯންޏެއް ޖެހި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތް މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.
އެ ހަތް މީހުންނަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ ލޯންޗުން ދަތުރު ކުރި މީހަކު ބުނި ގޮތުގައި ރީތިރަށުގެ މުވައްޒަފުން ގޮވައިގެން މާލެއައި ލޯންޗު ކަންނެލި ދޯނީގައި ޖެހުމުގެ ސަބަބުން އެންމެ ބޮޑަށް އަނިޔާވެފައި ވަނީ ލޯންޗުގެ ކައްޕި އަށެވެ. ނަމަވެސް އޭނާ އަށް ލިބިފައި ވަނީ ކޮންކޮން އަނިޔާއެއް ކަން އެނގޭނީ ހޮސްޕިޓަލުން ބެލުމަށް ފަހު ކަމަށް އޭނާ ބުންޏެވެ.
ކައްޕިއާއި އިތުރު ހަ މީހަކަށް އޭޑީކޭގައި މިހާރު އަންނީ ފަރުވާދެމުންނެވެ.
އެ ލޯންޗުން ދަތުރުކުރި މީހާ ބުނި ގޮތުގައި 225 ހޯސްޕަވަރުގެ ތިން އިންޖީނުއަޅާފައިވާ ލޯންޗު ދޯނީގައި ޖެހުނީ، ލޯންޗު ފުލް ސްޕީޑްގައި ދަތުރުކުރަނިކޮށެވެ.
"އެކެއްގެ އަތް ހަމަ ޔަގީނުން ވެސް އޮތީ ވަރަށް ބޮޑަށް ދުޅަވެފައި،" އޭނާ ބުންޏެވެ.
ލޯންޗާއި ދޯނި ޖެހުނު އިރު އެއްވެސް މީހަކު ވިއްސައިގެން ކަނޑަށް ނުދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ލޯންޗުގައި އަންހެނަކު އިނެވެ. އޭނާ އަށް ވެސް އެކިވަރުގެ އަނިޔާވި ކަމަށް އޭނާ ބުންޏެވެ.
އެ އެކްސިޑެންޓްގައި ފައިބަރު ލޯންޗުގެ ދިރިބާކޮޅު ވަނީ އެއްކޮށް ޗިސްޗިސްވެފަ އެވެ.