24 May 2010, 16:09
19:00
ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނަވަންޖެހޭ ބޭފުޅުން ހާޒިރުކުރުމަށް ކޮމިޓީގެ މުގައްރިރު އަމުރު ނެރުއްވައިފި އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން މި އަމުރު ނެރުއްވީ ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމާބެހޭ މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަސްއޮޑި އަހްމަދު ނަސީމާއި، އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިއުޝާ ޒާހިރާއި ކޮންޓްރޯލަ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމަށް ނޯޓިސް ފޮނުވުމުން އެއިން އެއްވެސް ބޭފުޅަކި މިއަދު ކޮމިޓީ އަށް ހާޒިރުވެވަޑައިނުގަތުމުންނެވެ.
ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ، އެ އަމުރު ނެރުއްވީ، ކޮމިޓީން އަންގާފައިވާ ގޮތަށް، ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ސަރުކާރުގެ އެއްވެސް ބޭފުޅަކު ހާޒިރުވެވަޑައިނުގަތުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީއަށް ބަލައި، އެބޭފުޅުން ކޮމިޓީއަށް ހާޒިރުވުމުގެ އަމުރު ނެރުމަށް ކޮމިޓީން މިއަދު ފާސްކުރުމާ ގުޅިގެން، ގާނޫނީ ގޮތުން ބެއްލެވި ބެއްލެވުމުން، އެ އަމުރު ނެރުމުގެ ބާރު ކޮމިޓީގެ މުގައްރިރަށް ލިބިވަޑައިގަންނަވާތީ ކަމަށެވެ. އަދި ސަރުކާރުން ކޮމިޓީއަށް އެއްބާރުލުން ދެއްވާނެ ކަމަށް، ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވި ނަމަވެސް މިއަދު ކޮމިޓީއަށް އެއްވެސް ބޭފުޅަކު ވަޑައިނުގެންނެވުމުން އެކަންތައް ފެނިގެންނުދިޔަ ކަމަށް ވެސް ޔާމިނު ވިދާޅުވި އެވެ.
ޔާމީން އަދި ވިދާޅުވީ، މި ނެއްރުއްވި އަމުރާ ގުޅިގެން އެ ބޭފުޅުން ކޮމިޓީއަށް ވަޑައިގެން އެއްބާރުލުން ދެއްވާނެކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެބޭފުޅުން ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންފިނަމަ ގާނޫނާއި ގަވާއިދުގެދަށުން ގޮސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމުރެއް ނެރެންޖެހިދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.