31 Jan 2018, 10:34
ދިރާގު ޕލކއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 234 މިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 25 ޕަސަންޓުގެ ކުރިއެރުމެކެވެ.
ދިރާގުން އިއްޔެ އާންމުކުރި އެކުންފުނީގެ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނީ 698 މިލިޔަން ރުފިޔާއެވެ. އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ލިބުނީ 642 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.
އޭގެ ތެރެއިން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި ދިރާގުން ވަނީ 234 މިލިޔަން ރުފިޔާ ހޯދައިފައެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު، 2016 ގެ ފަހު ކުއާޓަރުގައި ލިބުނު 189.9 މިލިޔަން ރުފިޔާއަށް ވުރެ 25 ޕަސަންޓު އިތުރުވުމެކެވެ.
މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު ފައިދާއަކީ 3.08 ރުފިޔާއެވެ.
ދިރާގުން މިދިޔަ ކުއާޓަރުގައި ވަނީ ގިނަ އާ ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި، ބޭނުންގޮތަކަށް މޯބައިލް ޕްލޭން ކަސްޓަމައިޒްކުރެވޭ "މަމެން" ޕްލޭނާއި، ދިރާގުގެ މޯބައިލް މަނީ ޚިދުމަތް "ދިރާގު ޕޭ"އާއި، ސޯޝަލް މީޑިއާ އެޕްތައް ހިލޭ ބޭނުންކުރެވޭ ގޮތަށް އިސްލާހުތައް ގެނެސް ދިރާގުން އަލަށް ތައާރަފުކުރި އާ ޕޯސްޓްޕެއިޑް ޕްލޭނުތައް ހިމެނެއެވެ.
މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތާއި ދިރާގު ޓީވީގެ ޚިދުމަތް ރާއްޖޭގެ އެކި ރަށްރަށަށް ފުޅާ ކޮށްފައިވެއެވެ.