މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 84 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ބަޔާނުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވާ 84 މިލިއަން ރުފިޔާ އަކީ 2016 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 44 މިލިއަން ރުފިޔާ އަށްވުރެ 89 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 133 މިލިއަން ރުފިޔާއެވެ. އެ އަދަދަކީ 2016 ވަނަ އަހަރު ލިބުނު 87 މިލިއަން ރުފިޔާއަށްވުރެ 52 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްޓީސީސީން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 385 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެއެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގައި އެކުންފުނިން ކޮށްފައިވާ ވިޔަފާރީގެ އަދަދަކީ 389 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ދައްކަންޖެހޭ ޓެކްސް ދެއްކުމަށްފަހުގައި ފައިދާގެ ގޮތުގައި ފަހު ކުއާޓަރުގައި ލިބިފައިވަނީ 67 މިލިއަން ރުފިޔާއެވެ. އަދި އެ ކުންފުނިން ދައްކަންޖެހޭ ޓެކްސް ދެއްކުމަށްފަހުގައި މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 115 މިލިއަން ރުފިޔާއެވެ.