ރާއްޖޭގެ ފުރަތަމަ މެރިން ނޭޝަނަލް ޕާކު ނ. އަތޮޅުގައި ގާއިމްކުރަން ނިންމައި، އެ މަސައްކަތް އަމިއްލަ ފަރާތަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ފުރަތަމަ މެރިން ޕާކުގެ ގޮތުގައި ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ ނ. އެއްދުއްފަރުގައި ހިމެނޭ ފަރާއި އެފަރާ ގުޅިފައިވާ ކަނޑާއި އަދި އެ ފަރުތަކުގެ ތެރޭގައިވާ ފަޅުތަކާއި ވިލުތަކާއި އަދި ފަޅުތެރޭގައި އުފެދިފައިވާ ރަށްތައް ހިމެނޭ ގޮތަށް ގުދުރަތީ ގޮތުން އުފެދިފައިވާ ސަރަހައްދެވެ.

ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ނ. ކުޑަފަރީ މާފުނަގޭ މުހައްމަދު ހަމީދުއާ އެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީއާ ޕްރޮޖެކްޓުގެ ޕްރޮމޯޓަރު، ހަމީދު އާ ދެމެދު ވަނީ މިއަދު ސޮއިކޮށްފަ އެވެ.

ހަމީދު މިއަދު ވިދާޅުވި ގޮތުގައި، މެރިން ޕާކު ތަރައްގީ ކުރާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ފައުންޑޭޝަނަކުންނެވެ. އެ ފައުންޑޭޝަން ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގައި ސަރުކާރުގެ 51 ޕަސަންޓް ހިއްސާ އޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޕާކު ތަރައްގީ ކުރުމަށް ސަރުކާރުން މާލީ އެހީތެރިކަމެއް ނުދޭނެ ކަމަށާއި ސަރުކާރުން ދީފައިވާ ސަރަހައްދުގައި ޕާކު ތަރައްގީ ކުރަން ރާވާފައި ވަނީ ފައުންޑޭޝަނުން ބޭރުގެ އެހީތެރިކަން ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕާކު ތަރައްގީ ކުރެވުމުން ނ. އަތޮޅުގެ ތަރައްގީއަށް ވެސް މަގުފަހިވެގެންދާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި މެރިން ޕާކު ގާއިމްކުރާ ސަރަހައްދު ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ތިމާވެށީގެ ދިރާސާތައް ކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް ތައުލީމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަން ފާހަގަކުރެއްވި އެވެ.