ރިޔާޒު(ޖެނުއަރީ 31): ސައުދީ އަރަބިއާއިން ކޮރަޕްޝަނާ ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން ސަރުކާރަށް 106.7 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ސައުދީ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ޝޭހް ސައުދް އަލް މުޖިބް ވިދާޅުވި ގޮތުގައި ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހުގެ ހަތަރެއްގައި ސަރުކާރުން ވަނީ 381 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 325 މީހަކު ވަނީ ކުށެއް ނެތުމުގެ ސަބަބުން ނުވަތަ ކުށަށް އިއުތިރާފުވެ ފައިސާ ދިނުމުން ދޫކޮށްލާފައި ކަމަށް މުޖިބް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބާކީ 56 މީހުން ދޫކޮށްފައި ނުވަނީ އެމީހުންނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް އިތުރަށް ތަހުގީގު ކުރަމުންދާތީ ނުވަތަ އެމީހުންނާ ގުޅުން ހުރި އިތުރު ޖިނާއީ މައްސަލައެއް ބަލަމުން ދިޔުމުގެ ސަބަބުންނެވެ. އަދި އަންނަ މަހު ރިޓްޒް ކާލްޓަން ހޮޓެލް އާއްމުންނަށް ހުޅުވުމާލުމަށްޓަކައި އެމީހުން ވަނީ ޖަލަށް ބަދަލުކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފެއްޓެވި މަސައްކަތުގެ ދަށުން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ނަންތައް ޝޭހް މުޖިބް ހާމަ ނުކުރެއްވި ނަމަވެސް އޭގެ ތެރޭގައި ޕްރިންސުންނާއި މިނިސްޓަރުންނާއި ވިޔަފާރިވެރިން ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެގޮތުން ސައުދީ އަރަބިއާގެ ރިޓްޒް ކާލްޓަން ހޮޓެލުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން މިމަހު ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި ބިލިއަނަރު ޕްރިންސް އަލްވަލީދު ބިން ތަލާލް އާއި އަރަބި ސެޓެލައިޓް ޓީވީ ނެޓްވޯކު، އެމްބީސީގެ ވެރިޔާ އަލްވަލީދު އަލް އިބްރާހިމް ހިމެނެ އެވެ.

ޕްރިންސް އަލްވަލީދާއި އަލް އިބްރާހިމް ވަނީ އެދެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. ނަމަވެސް ސައުދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެދެބޭފުޅުން ވެސް ވަނީ ކުށަށް އިއުތިރާފުވެ، ހައްޔަރުން ދޫކޮށްލުމުގެ ކުރިން ސަރުކާރަށް ފައިސާ ދައްކައިފައެވެ.

ސައުދީ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން ވިދާޅުވި ގޮތުގައި އެގައުމުން ކޮރަޕްޝަނާ ދެކޮޅަށް ކުރި މަސައްކަތުން ލިބޭ ފައިސާ ބޭނުން ކުރާނީ، ސައުދީ އަރަބިއާގައި ދިރިއުޅުމުގެ އަގު މަތިވުމާ ގުޅިގެން ރައްޔިތުން އެހީވުމަށް ކުރިއަށްގެންދާ 13.3 ބިލިއަން ޑޮލަރުގެ ޕްރޮގްރާމަކަށެވެ. (ބީބީސީ)