އަދާވިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ ފިލްމު "ސީކްރެޓް ސުޕަސްޓާ" ޗައިނާގައި އެޅުވިތާ 10 ދުވަހުގެ ތެރޭގައި އެ ފިލްމަށް 66 މިލިއަން ޑޮލަރު ލިބިއްޖެއެވެ.

ޗައިނާގެ ބޮކްސް އޮފީސް ޗާޓުގައި އާމިރުގެ "ސީކްރެޓް ސުޕަސްޓާ" ވިދަމުން ދާއިރު ފިލްމު ބެލި ކްރިޓީކުން ވެސް ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އިންޑިއާގައި އެ ފިލްމަށް ލިބުނު އާމްދަނީއަށް ވުރެ ގިނައިން ޗައިނާއިން އެ ފިލްމަށް ވަނީ އާމްދަނީ ލިބިފައެވެ. ފިލްމު ބެލި ގިނަ މީހުން ބުނަނީ އެ ފިލްމަކީ އާމިރުގެ އެންމެ ރީތި އެއް ފިލްމު ކަމަށެވެ.

ފިލްމް "ޕީކޭ" އަދި "ދަންގަލް" ވެސް ޗައިނާގައި އަޅުވާފައިވާ އިރު ޗައިނާގައި އާމިރު ވަނީ މިހާރު ވަރަށް މަގްބޫލް ވެސް ވެފައެވެ.

ފިލްމް "ސުޕަސްޓާ"އިން ފެނިގެންދަނީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ، ލަވަކިޔުންތެރިއަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެތް މަސައްކަތެވެ.

ލަވަކިޔުންތެރިއަކަށް ވުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ދައްކުވައިދެއެވެ. އަންހެން ކުއްޖާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލުމުގެ މަގްސަދުގައި އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދައެވެ. ފިލްމުގައި އަންހެން ފަންނާނުގެ ރޯލުން ފެންނާނީ ފިލްމް 'ދަންގަލް'އިން މަޝްހޫރުވެގެން ދިޔަ ޒާއިރާ އެވެ.

މައުލޫމާތު: ސްކްރީން ޑެއިލީ