ރަޖްނީކާންތު އަދި އަކްޝޭ ކުމާރު ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު '2.0' ރިލީޒް ކުރުން ފަސްކޮށްފި އެވެ.

މިއީ '2.0' ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ. ދެހާސް ދިހަ ވަނަ އަހަރު ނިކުތް 'ރޮބޮޓް'ގެ ދެވަނަ ބައިގެ ގޮތުގައި އުފައްދައިފައިވާ އެ ފިލްމު ރިލީޒް ކުރަން ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ.

ނަމަވެސް ފަހުން ވަނީ މި އަހަރުގެ ޖެނުއަރީއަށް ފިލްމު ފަސްކޮށްފައެވެ. '2.0' ރިލީޒް ކުރަން ހަމަޖެއްސި ތާރީޚުގައި އަކްޝޭގެ 'ޕެޑްމޭން' ރިލީޒް ކުރަން ހަމަޖެއްސުމުން، ފިލްމު އަނެއްކާ ވެސް ފަސްކުރީ އެވެ.

އަންނަ އޭޕްރީލްގައި ފިލްމު ރިލީޒް ކުރަން ހަމަޖެއްސި ނަމަވެސް އަނެއްކާ ވެސް މިވަނީ ފިލްމު ރިލީޒް ކުރުން ފަސްކޮށްފައެވެ. ޓްރޭޑް އެނަލިސްޓް ސުރެންދަރު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އޯގަސްޓު މަހުގެ މެދު ތެރޭގައި ކަމަށެވެ.

ޝަންކަރް ޑައިރެކްޓު ކޮށްފައިވާ '2.0' ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ނިމޭނީ ޖުލައި މަހު އެވެ. ފިލްމުގައި އަކްޝޭ ފެނިގެންދާނީ ނެގެޓިވް ރޯލަކުންނެވެ.