31 Jan 2018, 09:20
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުން ޓީސީ ސްޕޯޓްސް ކްލަބު އަތުން ތަފާތު ބޮޑުކޮށް ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށް ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބުގެ ކޯޗު ރަޔަން ނޯތުމޯ ބުނެފިއެވެ.
ރާއްޖޭގައި ރޭ ކުޅުނު ދެވަނަ ލެގު މެޗުގައި ސައިފް ސްޕޯޓިންގެ މައްޗަށް ޓީސީން ކުރި ހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ކުޅުނު އަވޭ ލެގު 1-0 އިން ކާމިޔާބުކޮށްފައި އޮތުމުން ޓީސީ ޕްލޭއޯފްއަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗަށްފަހު މާޔޫސީ މޫނަކާއެކު ނޫސްވެރިންނާ ވާހަކަދައްކަމުން ނޯތުމޯ ބުނީ ދެ ލެގުގައިވެސް ދައްކަން މި ޖެހުނީ އެއް ވާހަކައެއް ކަމަށެވެ. އެއީ ޓީމަށް ގޯލް ނުޖެހޭ ވާހަކަ ކަމަށެވެ.
"ދެ މެޗުގައިވެސް މި ދައްކަން ޖެހެނީ އެއް ވާހަކައެއް. ލިބުނު ޗާންސްތަކުގެ ބޭނުން ނުކުރެވުނީ. ގޯލް ނުޖެހުނީ. ޓީމުގެ ކުޅުން ގޯހެއް ނޫން. ނިންމާ ނުލެވެނީ،" ނޯތުމޯ ބުންޏެވެ.
ނޯތުމޯ ބުނެފައިވަނީ މެޗުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށް މޮޅުނުވެވުމަކީ ކުޅުންތެރިންނަށް އަދި އަމިއްލަ ނަފްސަށްވެސް ވަރަށް ހިތްދަތިކަން ކުރިމަތިވި ވަގުތެއް ކަމަށެވެ.
"ވަރަށް ވަރަށް ބޮޑަށް ހިތްދަތިވެއްޖެ. ކުޅުންތެރިންވެސް ވަރަށް ހިތްދަތިވެފައި ތިބީ. ކުޅެންވާ ވަރަށް ކުޅެ ބަލިވީ. މަސައްކަތްވެސް ކޮށް ބަލިވީ. މެޗުގެ ފަހުކޮޅަށް ދިޔައިރު ހަމަ ހުރިހާ ކުޅުންތެރިން ވަރުބަލިވެގެން ހުއްޓުނީ. ލިބުނު މާޔޫސްކަމަކީ ދެވެން ހުރި ހުރިހާ އެއްޗެއް ދީ، ބަލިވީމާ ލިބުނު މާޔޫސްކަން،" އިނގިރޭސިވިލާތުގެ ކޯޗު ނޯތުމޯ ބުންޏެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޯޗު ނޯތުމޯ ބުނީ ކުޅުންތެރިން ދެއްކި ހިތްވަރަށް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.
މީގެ އިތުރުން ނޯތުމޯ ބުނީ މެޗުގައި ބޯލް ޕޮސެސަން އަދި ހޯދި ފުރުސަތުތަކަކީ ނިމޭއިރު އެކަކުވެސް ގުނާނެ އެއްޗެއް ނޫން ކަމަށާއި، މެޗުގައި ކާމިޔާބުވާނީ ނަތީޖާއިން ގިނަ ގޯލް ޖަހައިގެން މޮޅުވާ ޓީމު ކަމަށެވެ. އަދި ދެ ލެގުގައި ޓީސީންް 4-1 ގެ ނަތީޖާއަކުން މޮޅުވުމަކީ އެޓީމަށް ހައްގު މޮޅެއް ކަމަށާއި، ޓީސީއަކީ ދެ ލެގުގައިވެސް މޮޅު ޓީމު ކަމަށް ނޯތުމޯ ފާހަގަކުރިއެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޓީސީއާއި ސައިފް ސްޕޯޓިން ރޭ ކުޅުނު މެޗަށް ގިނަ އަދަދެއްގެ ބަނގުލަދޭޝް ރައްޔިތުން ވަދެފައިވާ އިރު، ސައިފް ސްޕޯޓިންގެ ކޯޗު ނޯތުމޯ ވަނީ ބަންގާޅު ރައްޔިތުންގެ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.