ޖީމެއިލް މެދުވެރިކޮށް އެސްއެމްއެސް ލިބޭ ހިދުމަތެއް ގޫގުލް އިން ވަތަނިއްޔާ އެކު ދެކުނު އޭޝިއާގެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި އެވެ.

ވަތަނިއްޔާ އިން ބުނީ ޖީމެއިލް އެސްއެމްއެސް ބޭނުންކޮށްގެން ވަތަނިއްޔާގެ ކަސްޓަމަރުންނަށް މިހާރު ބޭނުން އަދަދަކަށް ހިލޭ އެސްއެމްއެސް ކުރެވޭނެ ކަމަށެވެ. އަދި އެހިދުމަތުގެ ސަބަބުން ވަތަނިއްޔާގެ ކަސްޓަމަރުންނަށް މޮބައިލް ފޯނު މެދުވެރިކޮށް ޖީމެއިލް ބޭނުންކުރާ ފަރާތްތަކާ ޗެޓްކުރެވޭނެ ކަމަށާއި މޯބައިލް ފޯނުން ކުރާ އެސްއެމްއެސް އަށް ޗާޖުކުރާނީ އާދައިގެ ލޯކަލް އެސްއެމްއެސްއަށް ޗާޖުކުރާ ރޭޓުން ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.

ގޫގުލް އިން ރާއްޖޭގައި އަލަށް ތައާރަފްކުރި އެހިދުމަތް ހޯދުމަށް ޓަކައި ޖީމެއިލް އެކަންޓަށް ގޮސް ސެޓިން އިން ހެއްދޭނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.

އެއް ބިލިއަނަށް ވުރެ ގިނަ މީހުން އެ ސައިޓަކަށް ޒިޔާރަތްކުރާ ގޫގުލްގެ ޖީމެއިލް އެސްއެމްއެސް ހިދުމަތް ވަތަނިއްޔާ އެކު ފަށާފާވާ އިރު މިހިދުމަތް މިހާރު ބޭނުންކުރަމުން އަންނަނީ މަދު ގައުމެއްގަ އެވެ. މި މިހިދުމަތް ރާއްޖޭގައި ފެށުމާ އެކު ވަތަނިއްޔާ ވެފައި ވަނީ ދެކުނުގެ ސަރަހައްދުގައި މިހިދުމަތް ދޭ ހަމައެކަނި މޯބައިލް އޮޕަރޭޓަރަށެވެ.