31 Jan 2018, 09:44
ރާއްޖޭ ލެވެލްގެ ގޭމިންގް މުބާރާތެއް ބޭއްވުމަށް ގޭމާސް އެސޯސިއޭޝަން ފޯ މޯލްޑިވްސް އީ ސްޕޯޓްސްއާއި ސޯޝަލް ގޭމާސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ހަފްލާގައި ގޭމާސް އެސޯސިއޭޝަން ފޯ މޯލްޑިވްސް އީ ސްޕޯޓްސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޗެއާމަން ސައިފުﷲ އަހުމަދެވެ. ސޯޝަލް ގޭމާސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަބީނެވެ.
މި ދެބޭފުޅުންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއޯޔޫގެ މައިގަނޑު ޓާގެޓަކީ ގައުމީ ލެވެލްގެ ގޭމިން މުބާރާތެއް ބޭއްވުން ކަމަށެވެ. އަދި މުބާރާތުގައި ޕީސީ ކެޓަގަރީން ހިމެނޭނީ ޑޮޓާ ޓޫ ކަމަށާއި، ޕީއެސް ކެޓަގަރީން ހިމަނާނީ ފީފާ ކަމަށްވެސް އެ ބޭފުޅުން ހާމަކުރެއްވިއެވެ.

ސޯޝަލް ގޭމާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަބީން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސޯޝަލް ގޭމާސްގެ ފަރާތުން ވާހަކަ ދައްކަވަމުން ޝަބީން ވިދާޅުވީ މުބާރާތް ބޭއްވުމަށް ގަސްދުކުރަނީ އަންނަ މާޗު މަހުގައި ކަމަށާއި އަންނަ މަހުން ފެށިގެން މާކެޓިން އަދި ޕްރޮމޯޝަނަލް އިވެންޓްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މި މުބާރާތަށް ރާއްޖޭގައި ހަރަކާތްތެރިވާ އިތުރު ގޭމިން އެސޯސިއޭޝަންތަކާއި ގޭމިން ކޮމިއުނިޓީތަކުގެ އެއްބާރުލުން ލިބޭނެ ކަމެއް ކަމަށާއި، މި މުބާރާތަކީ ގޭމިންގައި އިތުރު ވާދަވެރިކަމެއް އުފެއްދުމަށް މުހިއްމު މުބާރާތަކަށް ވެގެންދާނެެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަބީން އިތުރަށް ވިދާޅުވީ ގޭމިން މުބާރާތްތައް ބާއްވަން ކުރިންވެސް ކުންފުނިތަކުން އެއްބާރުލުން ލިބުނު ކަމަށާއި، މިފަހަރުގެ މުބާރާތުގެ އިނާމްތަކަށް ޓާގެޓް ކުރާނީ އިންޓަނޭޝަނަލް މުބާރާތްތަކުގެވެސް އިނާމްތަށް ދޭ ވަރަށް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ގޭމިންއަކީ ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، ލަފާކުރެވެނީ އިވެންޓްގައި ގާތްގަނޑަކަށް 1500 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާނެ ކަމަށްވެސް ޝަބީން ވިދާޅުވިއެވެ.
ގޭމާސް އެސޯސިއޭޝަން ފޯ މޯލްޑިވްސް އީ ސްޕޯޓްސްގެ ފަރާތުން ޗެއާމަން ސައިފުﷲ ވިދާޅުވީ މުބާރަތް ހުޅުވާލާނީ ވަކި އުމުރުފުރައެއްނެތި އޯޕަން ކޮށްކަމަށާއި، މި މުބާރާތުގެ މައިގަނޑު ޓާގެޓަކަށްވާނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހި ރާއްޖެ ތަމްސީލުކުރާނެ ގޭމިން ސްކޮޑުތަކެއް ނެގުން ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ ރާއްޖޭގެ ޖާޒީގައި ގޭމިން ކުޅިވަރެއް ގޮތަށް ރާއްޖެއިން ބޭރުގައި ތަމްސީލުކޮށް، ބޮޑެތި މުބާރާތްތަކުގައި ދިވެހި ދިދަ ވިހުރާލާނެ ކުދިން ކަމަށްވެސް ސައިފުﷲ ވިދާޅުވިއެވެ.

ގޭމާސް އެސޯސިއޭޝަން ފޯ މޯލްޑިވްސް އީ ސްޕޯޓްސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވެވި އެ އެސޯސިއޭޝަންގެ ޗެއާމަން ސައިފުﷲ އަހުމަދު --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސައިފުﷲ ވިދާޅުވީ އޮލިމްޕިކްސްގައި ގޭމިންގެ ތިން ކެޓަގަރީއެއް މިހާރު ހިމެނިފައިވާ ކަމަށާއި، 2020 ވަނަ އަހަރު އޮލިމްޕިކްސްއަށް ދިވެހި ގޭމިން ސްކޮޑެއް ފޮނުވުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
މި އަހަރަށް ރާވާފައިމިވާ ގޭމިން މުބާރާތަކީ މިހާތަނަށް މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވޭނެ ފުރަތަމަ ގޭމިން މުބާރާތެވެ. އަދި މި މުބާރާތާއެކު ގޭމިން ކުޅިވަރެއްގެ ގޮތުގައި އެހެން ލެވެލްއަކަށް ދާނެއިރު، ކުރިއަށް ވިސްނާނީ އަތޮޅު ތެރޭގެ ރީޖަނަލް ކޮލިފައިން ބުރުތަކަކާއެކު މުބާރާތް އިންތިޒާމް ކުރަން ކަމަށްވެސް ގޭމާސް އެސޯސިއޭޝަން ފޯ މޯލްޑިވްސް އީ ސްޕޯޓްސްއާއި ސޯޝަލް ގޭމާސްއިން މައުލޫމާތު ދެއެވެ.