30 Jan 2018, 23:40
އެލައިޑު އިންޝުއަރެންސް އިން އާޓިފިޝަލް އިންޓެލިޖެންސް އިންޝުއަރަންސް އޭޖެންޓެއް ތައާރަފު ކޮށްފިއެވެ.
"އޭޖެންޓް 1600" ގެ ނަމުގައި ތައާރަފުކުރި މި ޚިދުމަތަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ޚިދުމަތެކެވެ.
ފޭސްބުކް، ވައިބާ އަދި ޓެލެގްރާމްގައި "އޭޖެންޓް 1600" ގެ ޚިދުމަތް ލިބޭނެއެވެ.
އެލައިޑުގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެލައިޑް ސްޕެޝަލް އިވެންޓުގައި، އެލައިޑުގެ ޖެނެރަލް މެނޭޖަރ އަހްމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ، މިރޭ ތައާރަފުކުރެވުނީ އެލައިޑުގެ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދޭ ރޮބޮޓެއް ކަމަށެވެ.
"އޭޖެންޓް 1600 އަކީ އާޓިފިޝަލް އިންޓެލިޖެންސެއް. ރޮބޮޓެއް. މި އޭޖެންޓުން ތިޔަބޭފުޅުންގެ އިންޝުއަރަންސާ ބެހޭ ސުވާލުތަކަށް ޖަވާބު ފޯރުކޮށްދޭނެ. މިވަގުތު ހަމައެކަނި ވައިބާ، ފޭސްބުކް އަދި ޓެލެގްރާމުން އެކަނި ލިބުނު ނަމަވެސް، ކުރިޔަށް އެޮތް ތަނުގައި މި އޭޖެންޓުގެ ޚިދުމަތް އިތުރު ސޯޝަލް މީޑިއާތަކަށް ފުޅާވެގެން ދާނެ،" ރިޔާޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެލައިޑުގެ ޚިދުމަތްތަކާ ބެހޭ ސުވާލުތަކަށް ޖަވާބު ދެވޭނެ ކަމަށެވެ. އޭގެ އިތުރުން ކަސްޓަމަރުންގެ ޕޮލިސީ ވެރިފިކޭޝަނާއި، އެލައިޑުގެ އެޕް މެދުވެރިކޮށް ވަގުތުން މޮޓޯ އިންޝުއަރަންސް ސްޓިކާ ހޯދައިދިނުމާއި، ހެލްތު އިންޝުއަރަންސް ބެލެންސް ބެލުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ.
"އެހެން ގޮތަކަށް ބުނާ ނަމަ، ކޮންމެ ބޭފުޅެއްގެ ޖީބަށް އިންޝުއަރަންސް އޭޖެންޓެއް މި ލެވެނީ. މިވަގުތު މި އޭޖެންޓަށް މާ ގިނަ މައުލޫމާތުތައް ނޭނގުނު ނަމަވެސް، ކަންކަން ދަސްކުރަމުން ދާނީ. ކުރިޔަށް އޮތް ތަނުގައި ގިނަ މައުލޫމާތު ދަސްކޮށް، ގިނަ ސުވާލުތަކަކށް މި ރޮބޮޓަށް ޖަވާބު ދެވޭނެ،" ރިޔާޒީ ވިދާޅުވިއެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން އިންޓަނެޓު ބޭނުންކުރާ ރައްޔިތުން ދިރިއުޅޭ އެއް ގައުމެވެ. އަދި ރާއްޖޭގައި ގިނަ ބަޔަކު ދަނީ އިންޓަނެޓު މެދުވެެރިކޮށް އެކިއެކި ޚިިދުމަތްތައް ވެސް ހޯދަމުންނެވެ.
އެލައިޑުން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ތެޜޭގައި އޮންލައިންކޮށް އެލައިޑުގެ ސޭލްސް ވަނީ 60 ޕަސަންޓަށް ކުރިއަރައިފައެވެ.